ޚަބަރު
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ
މަލްޓިލޭޓަރަލް އެކްސަސައިޒް "ޕްރަގަތީ 2026"ގައި އެމްއެންޑީއެފުން ބައިވެރިވުން. ފޮޓޯ: އެމްއެންޑީއެފް
"ޕާޓްނަޝިޕް އޮފް ރީޖަނަލް އަރމީސް ފޯ ގުރޯވްތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން" (ޕްރަގަތީ 2026) ގެ ނަމުގައި ކުރިއަށްގެންދިޔަ ބައިނަލްއަގުވާމީ އަސްކަރީ ތަމްރީނުތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބައިވެރިވެއްޖެއެވެ.
މިދިޔަ މޭ މަހުގެ 18 އިން 31 އަށް އިންޑިއާގެ އުމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްގެންދިޔަ މި އެކްސަސައިޒަކީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކާއި، ސުލްހަ ބެލެހެއްޓުމުގެ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.
މި ތަމްރީނުތަކުގައި އެމްއެންޑީއެފްގެ އެކި ދާއިރާތަކުން ސިފައިން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓު ސްކޮޑްރަން އަދި އެމްއެންޑީއެފް މެރިން ކޯރގެ ސިފައިން ހިމެނެއެވެ.
މި އެކްސަސައިޒްގައި ޖުމްލަ 13 ގައުމަކުން 400 އަށް ވުރެ ގިނަ ސިފައިން ބައިވެރިވިއެވެ. ދިވެހިރާއްޖޭގެ އިތުރުން މި ހަރަކާތުގައި ބައިވެރިވި ގައުމުތަކަކީ އިންޑިއާ، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިޔާ، ލާއޯސް، މެލޭޝިޔާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ އަދި ވިއެޓްނާމް އެވެ.
މި އަސްކަރީ ތަމްރީނުތައް ނިންމާލާފައިވަނީ ބައިވެރިވި ހުރިހާ ގައުމުތަކެއްގެ މެދުގައި، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ދައްކުވައިދިން 72 ގަޑިއިރުގެ ވެލިޑޭޝަން އެކްސަސައިޒަކަށް ފަހުގައެވެ.