ޚަބަރު
މިމަހު ފަހުކޮޅު އާރްޓީއެލްގެ ޚިދުމަތް މ.އަތޮޅުގައި ފަށަނީ
ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުން. ފޮޓޯ: އެމްޓީސީސީ
މުލަކަތޮޅުގެ ރަށްތަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް މި ހިނގާ މަހުގެ ފަހުކޮޅު ދޭން ފަށާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއީ މުޅި ރާއްޖެ ހައިސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ރައްޔިތުންނަށް އިތުބާރުހުރި އަދި އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ފޯރުކޮށްދިނުމަށް ފަށާފައިވާ މި ޚިދުމަތް މިހާތަނަށް ރާއްޖޭގެ 15 އަތޮޅެއްގައި ވަނީ ގާއިމުކޮށްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރްޓީއެލްގެ ޚިދުމަތް ފުޅާކޮށް، ރަށްތައް ދަތުރުފަތުރުގެ އެއް ވިއުގައަކުން ގުޅާލުމެވެ.
މި ޚިދުމަތް މ. އަތޮޅުގައި ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އެގޮތުން އެމްޓީސީސީގެ ޓީމުތަކުން އެ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް، ޚިދުމަތް ބޭނުންކުރާނެ ގޮތާއި ޓިކެޓް ނަގާނެ ގޮތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް މިހާރު ދަނީ ބާއްވަމުންނެވެ.
އާރްޓީއެލް ފެރީގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މ. އަތޮޅުގެ އިތުރުން ދެން މި ޚިދުމަތް ފެށުމަށް ބާކީ އޮތީ ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ.