Ads by Farudhun

ޚަބަރު

މިދިޔަ މޭ މަހު ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި

މިދިޔަ މޭ މަހު ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި

ރާއްޖެއަސް ޒިޔާރަތްކުރި ފަތުުރުވެރިންނަށް މަރުޙަބާ ކިޔުން. ފޮޓޯ: ވެލާނާ އެއަރޕޯޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ޖޫން 2026، 12:59

02 ޖޫން 2026، 12:59

ނިމިދިޔަ މޭ މަހު ރާއްޖެއަށް އެއް ލައްކަ ތިރީސް ނުވަ ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މޭ މަހު ރާއްޖެއަށް ޖުމްލަ 139,746 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 135,614 ފަތުރުވެރިންނެވެ. މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ. މޭ މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މޭ މަހު އައި ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް، އަހަރުގެ މިހާތަނަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހާ އަޅާބަލާއިރު ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު 966,358 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 921,115 ފަތުރުވެރިންނެވެ. މިއީ 4.7 އިންސައްތައިގެ ދަށްވުމެކެވެ.

އަހަރުގެ ފުރަތަމަ ފަސް މަހު ފަތުރުވެރިންގެ އަދަދު ދަށްވެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކެނޑުމުގެ ސަބަބުންނެވެ. ވަކިން ހާއްސަކޮށް މާރިޗު މަހު 20.7 އިންސައްތަ އަދި އެޕްރީލް މަހު 25.5 އިންސައްތަ ފަތުރުވެރިން ވަނީ ދަށްވެފައެވެ. ނަމަވެސް މިހާރު ބައެއް އެއަރލައިންތަކުން އަލުން ދަތުރުތައް ފަށާފައިވާކަން ފާހަގަކުރެވެއެވެ.

މި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ދަނީ އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށާއި އާ ރޫޓުތަކުން ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 143,917 ފަތުރުވެރިންނެވެ. ދެވަނައަށް ރަޝިއާއިން 125,096 ފަތުރުވެރިން އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފަތުރުވެރިންގެ އަދަދުތަކަށް ބަދަލު އައި ނަމަވެސް، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް ރިވިއު ކުރާނީ ހާލަތު އިތުރަށް ބެލުމަށްފަހު ކަމަށެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450