Ads by Farudhun

ޚަބަރު

ބައެއް ހާލަތްތަކުގައި ރާއްޖެއިން ލިބޭ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރަށް ދެވޭ އިސްލާހެއް

ބައެއް ހާލަތްތަކުގައި ރާއްޖެއިން ލިބޭ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރަށް ދެވޭ އިސްލާހެއް

އާސަންދަ އޮފީސް. ފޮޓޯ: ޕީއެސްއެމް

02 ޖޫން 2026، 04:04

ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ޤަވާއިދަށް 1 ޖޫން 2026ގައި ގެނައި އިސްލާހުތަކާއެކު، ބައެއް ހާލަތްތަކުގައި ރާއްޖެއިން ލިބޭ ފަރުވާތަކަށް ވެސް ރާއްޖެއިން ބޭރަށް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެގޮތުން ހުސްނުވާ އާސަންދަ ސްކީމްގެ ޤަވާއިދުގެ 13ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނާގޮތުން، ބަލީގެ ބާވަތާއި، ބަލިމީހާގެ ހާލަތާއި، ރާއްޖޭގައި ލިބެން ހުރި ފަރުވާ ލިބުމުގައި ހުރި ދަތިތަކާއި، ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކޮށް، ރާއްޖެއިން ލިބެންހުރި ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ރިފާރކުރެވޭނެކަމަށް ވަނީ ބުނެފައެވެ.

މީގެކުރިން އޮންނަ ގޮތުން، ރާއްޖެއިން ބޭރަށް ރިފަރ ކުރެވެނީ ހަމައެކަނި ރާއްޖެއިން ނުލިބޭ ޚިދުމަތްތައް ހޯދުމަށެވެ. ނަމަވެސް މި އިސްލާހާއެކީ ސަރުކާރުން މިވަނީ، ފުރިހަމަ ބޭސްފަރުވާގެ ނިޒާމެއްގެ ތެރެއިން ފަރުވާކުރެވޭނެ އިންތިޒާމުތައް ފަސޭހަކުރުމުގެ ގޮތަށް އާސަންދަ ސްކީމްގެ ޤަވާއިދަށް ބަދަލު ގެނެސްފައެވެ.

އަދި މި ޤަވާއިދުގެ 14 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ރާއްޖެއިން ބޭރަށް ދިއުމަށް ރިފަރކުރުމުގެ ހުއްދަދެވޭނީ އެ ބައްޔެއްގެ ޚާއްޞަ ޑޮކްޓަރުން ތިއްބަވާ އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ދިނުމަށް ރަޖިސްޓަރ ވެފައިވާ ޚިދުމަތްދޭ ތަންތަނަށް ކަމަށެވެ. މީގެ އިތުރުން، އެ ބައްޔެއްގެ ޚާއްޞަ ޑޮކްޓަރެއް އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ނެތް ހާލަތުގައި، އާސަންދައިން ހުއްދަދޭ ޑޮކްޓަރަކަށް ރިފަރކުރުމުގެ ޙުއްދަ ދެވިދާނެކަމަށް ވެސް މި މާއްދާގައި ވަނީ ބުނެފައެވެ.



ޞިއްޙީ އެހީތެރިކަން ހޯދުމުގައި ރައްޔިތުންނަށް ދިމާވާ އިދާރީ ދަތިތައް ނައްތާލުމަށްޓަކައި ސަރުކާރުން ވަނީ 1 ޖޫން 2026އިން ފެށިގެން އެންސްޕާއިން ދެމުންދިޔަ މެޑިކަލް ވެލްފެއާގެ ޚިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. 

އެގޮތުން ބޭސްފަރުވާއާ ގުޅޭ އެހީތެރިކަމާއި، ޓެސްޓުތައް ހެދުމާއި މެޑިކަލް ޑިވައިސްތަކަށް ދޭ އެހީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދޭ ސިއްޙީ އެހީތެރިކަމާއި، ރިފަރަލް، އެމަޖެންސީ ހާލަތްތައް އަދި ތެލެސީމިއާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓް ފަދަ ޚާއްޞަ ހާލަތްތަކުގައި ދެވޭ އެހީތެރިކަންވެސް ދެން ލިބޭނީ އާސަންދަ މެދުވެރިކޮށެވެ.

ސިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އެންސްޕާއަށް އެހީއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށްވެސް 1 ޖޫންއިން ފެށިގެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450