Ads by Farudhun

ޚަބަރު

މިދިޔަ މަހު މަސްވެރިންނަށް 31 މިލިއަން ރުފިޔާ ދޫކޮށްފި

މިދިޔަ މަހު މަސްވެރިންނަށް 31 މިލިއަން ރުފިޔާ ދޫކޮށްފި

މިފްކޯއަށް މަސްކިރުން / ފޮޓޯ: ފަޔާޒް މޫސާ

02 ޖޫން 2026، 07:41

މިދިޔަ މަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް މަސްވެރިން ކިރުވި މަހަށް އެ ކުންފުނިން 31 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު 693  ދޯންޏަކުން ވަނީ، 1،791 ޓަނުގެ މަސް ކިރުވާފައެވެ. މިއީ އޭގެ ކުރީ މަހާ ބަލާއިރު ދަށް އަދަދެކެވެ. އެޕްރީލް މަހު މިފްކޯއަށް ވަނީ 4،414  ޓަނުގެ މަސް ކިރުވާފައެވެ.

ބެލެވޭ ގޮތުގައި މިދިޔަ މަހު މަސްވެރިކަން ދަށްވެފައި ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުންނެވެ. އެގޮތުން މިދިޔަ މަހުގެ 10 ގައި ރާއްޖޭގެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފަށާފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ޢީދު ބަންދާ ދިމާވުމަކީވެސް މަސް ދޯނިތައް މަހަށް ފުރި އަދަދު މަދުވި ސަބަބެކެވެ.

މިފްކޯއަށް މިދިޔަ މަހު އެންމެ ގިނައިން ކިރާފައި ވަނީ ކަޅުބިލަމަހެވެ. އެއީ 1،708 ޓަނެވެ. އަދި 10 ކިލޯއިން މަތީގެ ކަންނެލި މަހުގެ 6.9 ޓަނު ކިރުވާފައިވާއިރު 15 ކިލޯއިން މަތީގެ ކަންނެލީގެ 75.2 ޓަނުގެ މަސް  ވެސް ކިރުވާފައިވެއެވެ. 

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ، ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ސަރުކާރުން ވަނީ، ހަނގުރާމައާ ގުޅިގެން މަސްވެރިކަމުގެ ސިނާޢަތަށް ދަތިނުވާނެހެން ކަންކަން އިންތިޒާމު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި ހާލަތުގައި މަސްވެރިންނަށް ޤަވާއިދުން ފައިސާ ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450