ޚަބަރު
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލުން. ފޮޓޯ: ފުލުހުން
ދާލު އަތޮޅު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް ފުލުހުން ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، ކުޑަހުވަދޫގައި ނައްތާލާފައިވަނީ ޖުމްލަ 131 ފުޅި ބަނގުރަލާއި 195 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ތަކެއްޗާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ފުލުހުން ވިދާޅުވީ، އިއްޔެ ނައްތާލި ބަނގުރަލަކީ 2023 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ދާލު އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓާފައިވާ ތަކެތި ކަމަށެވެ. މި ތަކެތި ހިފެހެއްޓުމަށްފަހު އޭވިއޭޝަން ސެކިއުރިޓީން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދު" ގެ ދަށުންނެވެ. އަދި މި ހަރަކާތް ކުރިއަށް ދިޔައީ މިކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވައެވެ.