ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަން ކޮމިޝަނުން ފުރިހަމައަށް ތައްޔާރު: އީސީ
އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އީސީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްރަހްމާން ސޮލާހް ރަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސޮލާހް ވިދާޅުވީ، އިންތިހާބުގެ އިދާރީ އަދި ފަންނީ ހުރިހާ ކަމެއް މިހާރު ނިމިފައިވާ ކަމަށެވެ.
އިންތިހާބުގެ ތައްޔާރީތަކުގެ ތެރެއިން، ވޯޓުލާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރުމުގެ ކަންކަން މިއަދު ހެނދުނު 10:00 ގައި ވަނީ އިންތިހާބާބެހޭ މަރުކަޒުގައި ކުރިއަށް ގެންގޮސްފައެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4,121 މީހުންނަށް ލިބިފައިވާއިރު، ކޮމިޝަނުން ވަނީ ޖުމްލަ 4,154 ވޯޓު ކަރުދާސްކޮޅު ޗާޕްކޮށްފައެވެ.
ވޯޓު ފޮށިތަކާއި ވޯޓުލާ މަރުކަޒުތައް
މި ބައި-އިލެކްޝަނުގައި ޖުމްލަ ހަތް ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގައި ބަހައްޓާ ފަސް ފޮއްޓާއި، މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބަހައްޓާ ދެ ފޮއްޓެވެ. މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުމަވަންތަ ސްކޫލުގެ ދެކުނު އިމާރާތުގައެވެ. އަދި އައްޑޫ ސިޓީގައި ވޯޓުލުން ކުރިއަށްދާނީ ހިތަދޫ ސްކޫލުގައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަނީ ރާއްޖޭގެ މައި ދެ ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ކެންޑިޑޭޓް ނަމްބަރު 1) އާއި، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ކެންޑިޑޭޓް ނަމްބަރު 2) އެވެ.
ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު މިހާރު ސަރުކާރުގެ ގެޒެޓުގައާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ. ޖޫން 6 ވާ ބުރާސްފަތި ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.