ޚަބަރު
ފުރަތަމަ ފްލައިޓްގެ ޙާޖީން ރައުޟާއަށް ޒިޔާރަތްކޮށްފި
ދިވެހި ޙާޖީންގެ ފުރަތަމަ ގްރޫޕް ރައުޟާއަށް ޒިޔާރަތްކުރުން. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
މި އަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު، ރާއްޖެއިން ފުރަތަމަ ފުރި ފްލައިޓުގެ ފިރިހެން ޙައްޖުވެރިން މަސްޖިދުއް ނަބަވީގައިވާ ރައުޟާ އެލް މުތަހަރާއަށް ޒިޔާރަތްކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެކްސްގައި ބުނެފައިވަނީ، ޙައްޖުވެރިންނަށް މި މާތް ބިންކޮޅަށް ޒިޔާރަތްކުރުމުގެ ފުރުސަތު މިހާރު ލިބެމުންދާ ކަމަށެވެ.
ކީރިތި ރަސޫލާގެ މިސްކިތްކޮޅު ނުވަތަ މަސްޖިދުއް ނަބަވީގެ މިމްބަރުކޮޅާއި އައިޝަތުގެފާނުގެ ގަނޑުވަރުކޮޅާއި ދެމެދުގައިވާ މާތް ބިންކޮޅު ނުވަތަ ރައުޟާއަކީ ސުވަރުގޭގެ ބަގީޗާއެއްކަމަށް ހަދީޘްތަކުން ސާބިތުވެއެވެ. މި މާތް ބިންކޮޅަށް ޒިޔާރަތްކޮށް އަޅުކަންކުރުމަކީ ކޮންމެ ޙައްޖުވެރިއަކުވެސް ނުހަނު ބޮޑަށް އެދޭ ކަމެކެވެ.
ފުރަތަމަ ފުލައިޓުގެ ފިރިހެން ޙައްޖުވެރިން ރައުޟާއަށް ޒިޔާރަތްކުރުން. ކީރިތި ރަސޫލާގެ މިސްކިތްކޮޅު ނުވަތަ މަސްޖިދުއް ނަބަވީގެ މިމްބަރުކޮޅާއި އައިޝަތުގެފާނުގެ ގަނޑުވަރުކޮޅާއި ދެމެދުގައިވާ މާތް ބިންކޮޅު ނުވަތަ ރައުޟާއަކީ ސުވަރުގޭގެ ބަގީޗާއެއްކަމަށް ހަދީޘްތަކުން ސާބިތުވޭ.… pic.twitter.com/D0YzdKPRHP
— Maldives Hajj Corporation Limited (@Hajjcorporation) June 3, 2026
ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން އެނބުރި މާލެ އަންނަން ފަށާނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. ޙައްޖާޖީން މާލެ އައުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހެއްގެ މަތިން ހަތަރު ފްލައިޓެއްގައެވެ. މި ދަތުރުތަކަށް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ޤައުމީ އެއަރލައިން މޯލްޑިވިިއަން އާއި ސައުދިއާގެ ފްލައިޓްތަކެވެ.
ތާވަލާ އެއްގޮތަށް ފުރަތަމަ ފްލައިޓް މި މަހުގެ 5 ވަނަ ދުވަހު ސައުދިއާގެ ފްލައިޓުން އައުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 14:00 ގައެވެ. ދެވަނަ ފްލައިޓް މި މަހުގެ 7 ވަނަ ދުވަހުގެ 17:40 ގައި ޖެއްސުމަށް ވަނީ ތާވަލުކުރެވިފައެވެ.
ޙައްޖާޖީންގެ ފަހު ދެ ފްލައިޓް އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހުއެވެ. އެގޮތުން 8 ވަނަ ދުވަހުގެ ފްލައިޓް މެންދުރުފަހު 14:00 ގައި އަދި އެންމެ ފަހު ފްލައިޓް އަންނާނީ 9 ވަނަ ދުވަހުގެ މެންދަމު 00:01 ގައެވެ.
މި އަހަރު ދުނިޔޭގެ އެކިކަންކޮޅުތަކުން 1.7 މިލިއަނަށް ވުރެ ގިނަ މީހުން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.