ޚަބަރު
ކުޑަކުދިންގެ އަޑުއަހައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި
މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ : ރައީސް އޮފީސް
ކުޑަކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާތަކާއި އިހުމާލުގެ މައްސަލަތަކުގައި މުޖުތަމައު ހަނުނޯންނަވައި، އެކުދިންގެ ހައްގުގައި ފާޅުގައި އަޑުއުފުއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
މެޑަމް ސާޖިދާ މިކަމަށް އިލްތިމާސްކުރެއްވީ، މިއަހަރުގެ ގައުމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ބޭއްވި "މަޝްވަރާ އޮން ޗައިލްޑް ރައިޓްސް" ފޯރަމް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި، ކުޑަކުދިންނަށް ކުރާ އަނިޔާތަކަކީ ގިނަ ފަހަރަށް ފަރުދާގެ ފުރަގަހުގައި، ހިމޭންކަމާއެކު ހިނގާ ކަންކަންކަން ފާހަގަކުރެއްވިއެވެ. އަދި އަނިޔާ ލިބޭ ކުދިން ބިރުގަންނާތީ ނުވަތަ ލަދުގަންނާތީ އެވާހަކަތައް ހިއްސާކުރަން ނުކެރިފައި ތިބޭ ވަގުތުތަކުގައި، އެކުދިންގެ ހިތުގެ އިހުސާސްތައް ދެނެގަނެ، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ހިތްވަރުގަދަ މީހަކު ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހުމާލުގެ ސަބަބުން އެކުދިންގެ މުޅި ދިރިއުޅުމުގައި ފޮހެލަން ދަތި ނަފްސާނީ ލަކުނުތަކެއް ޖެހިގެންދޭ. އެހެންކަމުން ކުއްޖެއްގެ ކަރާމާތަށް އުނިކަމެއް އަންނަ ހާލަތްތަކުގައި އެކަމާ ދެކޮޅަށް އަޑުއުފުލުމަކީ އަޅުގަނޑުމެންގެ އިހުތިޔާރަކަށް ވާންޖެހޭނެ،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޑިޖިޓަލް ޒަމާނުގައި ކުޑަކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، އިންޓަނެޓް ބޭނުންކުރުމުގައި އެކަށީގެންވާ ހުދޫދުތަކެއް ކަނޑަނޭޅިއްޖެނަމަ ކުދިންގެ މައުސޫމްކަމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ އިންޒާރު އެކަމަނާ ދެއްވިއެވެ. މިގޮތުން، 16 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން ހަރުކަށި ކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް އެކަމަނާ ވަނީ ތާއީދުކުރައްވާފައެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ "ނޭޝަނަލް އެކްޝަން ޕްލޭން" އާއި 1412 ޗައިލްޑް ހެލްޕްލައިން ފަދަ ވަސީލަތްތަކުގެ ބޭނުން ހިފައި، ކުދިންނަށް އަމާންވެއްޓެއް ކަށަވަރުކޮށްދިނުމަށް ހުރިހާ މުއައްސަސާތަކަކާއި އާންމު ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް އެކަމަނާ ވަނީ ބާރުއަޅުއްވާފައެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުޑަކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށާއި، ކުއްޖެއްގެ ސަލާމަތަށް ނުރައްކާވާ ކޮންމެ ހިނދެއްގައި އެކަމާ ދެކޮޅަށް ތެދުވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ގައުމީ ޒިންމާއެއް ކަމުގައި ހަނދާންކޮށްދެއްވަމުންނެވެ.