ރިޕޯޓް
އެމްޑީޕީގެ "ނުތަނަވަސް" ކޮޅިގަނޑާއި، އަތުރަން އުޅޭ "ރޫޅުނު" ކެޔޮގަނޑު
ފޮޓޯ : ފަރުދުން
ދިވެހިރާއްޖޭގެ ސިޔާސީ އުދަރެހަށް ބަލާލާއިރު މިއަދު ފެންނަނީ އާދަޔާޚިލާފު މަންޒަރެކެވެ. މިހާރު ފެންނަނީ ކޮޅިގަނޑެއްގެ ކުރިން ފެންނަ ފަދަ ނުތަނަވަސްކަމެކެވެ. ވަކިން ޚާއްޞަކޮށް، އިދިކޮޅު އެމްޑީޕީގެ ސަފުތަކުންނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޙަރަކާތްތަކުން ފެންނަނީ ހާސްކަމާއި ފިކުރުބޮޑުވުމެވެ. އާންމު ބަހުރުވައިން ނަމަ "އެއްފަޔަށް އަރާފައި އަނެއް ފަޔަށް އަރައިގެން" މި ބޭފުޅުން މިއުޅެނީ ކީއްވެގެންތޯ މިއީ މިއަދު ގިނަ ބައެއްގެ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ.
މި ހާސްކަމުގެ އަސްލު ގުޅިފައިވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެވެ. މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، 2028 ގައި މި ސަރުކާރު ބަލިނުކުރެވިދާނެކަމުގެ ބިރު އެމްޑީޕީގެ ލީޑަރޝިޕަށް ވަނީ ވަދެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަމިއްލަފުޅަށް ރައްޔިތުންގެ ގާތަށް ވަޑައިގެން، އެމީހުންގެ އަޑު އައްސަވައި، ކަންކަން އިޞްލާޙު ކުރައްވަމުން ގެންދެވުމަކީ "ހެޔޮ ވެރިކަމެއްގެ" ފުރިހަމަ ނަމޫނާއެކެވެ. މި ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުންދާތީ، އެމްޑީޕީގެ ވެރިން ތިބީ "ބިރުން ފިތްކަނޑައިގެންދާ" ވަރުވެފައެވެ.
މި ބިރުވެރިކަމުގެ ތެރެއިން ރައީސް ނަޝީދު މިފަހަރު މި ކުޅުއްވަނީ މުޅިން އާ "ޑްރާމާ" އެކެވެ. ސިޔާސީ މައިދާނުން ޖާގައެއް ނުލިބިގެން، މިހާރު އެމަނިކުފާނު ފެންނަނީ ގޭގެއަށް ވަދެ މީހުންގެ "ސައިތަށި ކަޓުވާލާ" މަންޒަރެވެ. ގެސްޓްހައުސްތަކާއި ސެންޓް ފިހާރަތަކުގެ އިޝްތިހާރު ކުޅުއްވައި، އާންމު ރައްޔިތުންގެ ބަދިގެތަކަށް ވަދެ ރޮށި ފިއްސަވައިދެއްވުމަކީ، އަސްލު މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލަން ޖައްސަވާ "ސްޓަންޓް" ތަކެކެވެ. މީގެ އިތުރުން، އާންމު އަންހެންވެރިންގެ ގާތަށް ގޮސް، އިސްލާމީ އަދަބުތަކާއި ދިވެހި ސަގާފަތާ ބީރައްޓެހި ގޮތްގޮތަށް، ބައްދާ އޮޅުލައި ހެއްދެވުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ. މިފަދަ "ސިޔާސީ ފިލްމުތަކުން" ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވޭނެ ކަމަށް ހީކުރުމަކީ ބޮޑު ކުށްހީއެކެވެ.
މާޒީއަށް ބަލާއިރު، އެމްޑީޕީގެ ވެރިކަމުގައި މަސްވެރިން އުޅުނީ ވަރަށް ހިތްދަތި ހާލެއްގައެވެ. މަހަށް ހަމަ އަގު ނުލިބުމާއި، ދަރަނިވެރިވުމުގެ ސަބަބުން މަސްވެރި އާއިލާތައް ދަރަނިވެ ބަނގުރޫޓުވި ދުވަސްތައް ދިވެހިން ހަނދާނެއް ނުނެތެއެވެ. އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައީ މަސްތުވާތަކެތީގެ ވަބާއާއި، ބިދޭސީންގެ މައްސަލަ ފަދަ ޤައުމީ ބޮޑެތި މައްސަލަތައް "އަތަށް ގޮވާފައި" އޮތް ހާލަތެއްގައެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރު ވެއްޓުނީ ދީނާ ނުކަސިޔާރު ވާހަކަދެއްކުމާއި، އިސްލާމީ މުޤައްދަސް އުޞޫލުތަކަށްވުރެ ބޭރުގެ ނުފޫޒުތަކަށް ދީލާލުމުގެ ސަބަބުންނެވެ.
މިއަދު އަލުން ވެރިކަމަށް އައުމަށް އެމްޑީޕީން "މަރުފަލި" ޖަހަނީ ރައްޔިތުންގެ ހައްގުގައެއް ނޫނެވެ. އެއީ ހަމައެކަނި ބާރުގެ ދަހިވެތިކަމުގައެވެ. އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއްދީ، ފުރާނަ ދުއްވާލަން މަސައްކަތް ކޮށްފައިވާ އިރުވެސް، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ސިއްރަކީ، އަމިއްލަފުޅަށް ޕާޓީއެއް ހެއްދެވިޔަސް ރައްޔިތުން ފަހަތަށް ނާރާނެކަން ކަށަވަރުވުމެވެ.
އެމްޑީޕީ ދޫކުރައްވައި، އަމިއްލަފުޅަށް ވިއްސަކަށް މީހުން ގޮވައިގެން ހެއްދެވި ޑިމޮކްރެޓްސް ވަނީ މީހުން ހަމަ ނުވުމުގެ ސަބަބުން އިލެކްޝަން ކޮމިޝަނުން އުވާލާފައެވެ.
އެހެންކަމުން، "ރޫޅާލި ކެޔޮގަނޑު" އަލުން އަތުރާލަން ނަޝީދު އެމްޑީޕީއާ ގުޅުނަސް، އެއަކު ދެން ދިރުމެއް ނެތެވެ. ރޫލާލާފައި އޮތް ކެޔޮގަނޑެއް ކިތަންމެ ވަރަކަށް އެތުރިޔަސް، އޭގައި ކުރިން ހުރި ބާރެއް ނުހުންނާނެއެވެ. ރައްޔިތުން މިހާރު ތިބީ މިފަދަ "ފިލްމީ" އުކުޅުތަކަށް ހެއްލޭ ވަރަށް ވުރެ ބޮޑަށް ހޭލައެވެ. މި މަންޒަރު ބަލަން ތިބި ރައްޔިތުންގެ ހިތުގައި މިއަދު އުފެދޭ ސުވާލުތައް ބައިވަރެވެ.
މިހާރު ނަޝީދު ދުވަނީ ރޫޅާލި ކެޔޮގަނޑު އަލުން އަތުރައިގެން ރައްޔިތުންނަށް ވިއްކޭތޯއެވެ. ނަމަވެސް، ކުރިން "ވަގުން" ކަމަށް ބުނެ ހަޅޭއްލެވި މީހުން މިއަދު ކުއްލިއަކަށް "ޞިއްދީޤުން" ނަށް ވެގެން އެ އުޅެނީ ކީއްވެގެންތޯ ރައްޔިތުން މިއަދު ސުވާލު ކުރާނެއެވެ. ކުރިން "ޑީއާރުޕީ ބައިގަނޑު" ކަމަށް ބުނެ އެއްޗެހި ގޮވި މީހުން، މިއަދު ފަޅި ބަދަލުކޮށްލުމުން އެމްޑީޕީގެ "އަސްލު ފިކުރު" މީހުންނަށް ވީ ކޮން ސަބަބަކާ ހުރެތޯ އާއި، ވެންޓިލޭޓަރު ވައްކަމުގެ ބޮޑު ޖަރީމާ ހިނގި ކަމަށް ބުނެ އަޑުގަދަ ކުރި މީހުން، ތިމާއަށް ތާއީދު ކުރީމާ އެމީހުން "ނަޒާހަތްތެރިން" ނަށް ވީ ކިހިނެއްތޯ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާނެއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ ހުރިހާ ޖަރީމާއެއް ހިނގި ކަމަށް އޭރު ބުނި "ފައްޔާޒު" އަށް، މިއަދު ރިޔާސީ ޓިކެޓު އެންޑޯޒް ކުރަން ޖެހުނީމާ އެވީ ގޮތަކާއި، ތިމާ އަވަހާރަ ކޮށްލަން ބޮން ގޮއްވި ކަމަށް ތުހުމަތު ކުރި މީހުންނާއެކު، މިއަދު އެއް ގޮނޑިބަރިން ފެނުނީމާ އެވީ ކިހިނެއްތޯ ހައިރާންކަމާއެކު އާންމުން އަހާނެއެވެ. މި ސަރުކާރު ޖަވާބުދާރީ ކުރާނެ ޖޯޝެއް މިދިޔަ ތިން އަހަރު ނެތް ކަމަށް ބުނިއިރު، އެ ތިން އަހަރު އޭނާ އަމިއްލައަށް އެކަން ނުކުރީ ކީއްވެގެންތޯ އާއި، "ވަގުންގެ ނެޓްވޯކް" ކަމަށް ބުނި ދިމާލަށް އެނބުރި އައިސް، އެ "ވަގުންތައް" ގާތް ކުރީ ކީއްވެގެންތޯ ކުރެވޭ ސުވާލުތަކަށް ދޭނެ ޖަވާބެއް މިއަދު އެބޭފުޅުންގެ އަތަކު ނެތެވެ. ރައްޔިތުން މިހާރު ތިބީ މިފަދަ ސިޔާސީ އުކުޅުތަކަށް ހެއްލޭ ވަރަށް ވުރެ ބޮޑަށް ހޭލައެވެ.
ދިވެހި ރައްޔިތުންނަކީ މިހާރު ހޭލާ ތިބި ބަޔެކެވެ. ކިތަންމެ ވަރަކަށް "ސައިތަށި ކަޓުވައި"، "ރޮށި ފިހުނަސް"، އަދި ކިތަންމެ "ޑްރާމާ" އެއް ކުޅުނަސް، މާޒީގެ ކިލަނބު ސަފުހާތައް ފޮހެލުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. "ރޫޅުނު" ކެޔޮގަނޑެއްގެ ހަރުދަނާކަމެއް ނުހުންނާނެ ފަދައިން، އިތުބާރު ގެއްލިފައިވާ ސިޔާސީ އުކުޅުތަކަކުން ދެން ރައްޔިތުންގެ ހިތްތަކެއް ފަތަހައެއް ނުކުރެވޭނެއެވެ.