ޚަބަރު
ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އައިސް ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސެއް
ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އައިސް ބަލިތަކުން ރައްކާތެރިވުމަށް އެޗްޕީއޭގެ އިލްތިމާސެއް
ޙައްޖުގެ މާތް އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން، އަރިދަފުސް ރޯގާއާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެއް ހިއްސާކޮށްފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ދަތުރުމަތީގަޔާއި އަޅުކަމުގެ ތެރޭގައި އުޅޭއިރު މާސްކު އެޅުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.
ބަލިތަކުން ރައްކާތެރިވުމަށް ދޭންޖެހޭ ސަމާލުކަން
ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ ބާރުއަޅާފައެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މިފަދަ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ރޯގާޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމަށާއި އެކުދިން އުރާ ނުހެދުމަށްވެސް ވަނީ އަންގާފައެވެ.
ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ. ޑޮކްޓަރަށް ދައްކާއިރު، އެއީ ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މަޢުލޫމާތު ދިނުމަކީ ބަލި ދެނެގަތުމަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ގޭގައި ދެވިދާނެ ފަރުވާ
ހުން އައިސް ރޯގާ ޖެހިއްޖެނަމަ ގޭގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި، އަރާމުކުރުން ހިމެނެއެވެ. އަދި ހުން ގަދަނަމަ ގައިގައި ފެންހޭކުމަށާއި، ޕެރެސަޓްމޯލް ނޫން އެހެން ބޭހެއް ޑޮކްޓަރެއްގެ ލަފައާ ނުލައި ބޭނުން ނުކުރުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.