Ads by Farudhun

ޚަބަރު

މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު - ސާއިދު

މާލީ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު - ސާއިދު

ޑެޕިއުޓީ މިނިސްޓަރު ސާއިދު - ފޮޓޯ : ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ޖޫން 2026، 11:05

04 ޖޫން 2026، 11:05

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މި ސަރުކާރުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، ކްރެޑިޓް ރޭޓިންއަކީ ދައުލަތަކުން ދަރަންޏެއް ނަގާހިނދު، އެ ދައުލަތުގެ މާލިއްޔާގައި އެ ކެޕޭސިޓީ އެއްބަސްވުމާ އެއްގޮތަށް އޮތްތޯ ބެލުމަށް މިނިވަންކަމާއެކީ ހަދާ ދިރާސާއެއް ކަމަށެވެ. ފިޗް އަދި މޫޑީސް ފަދަ އެޖެންސީތަކުން 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރޭޓިންތައް އަންނަނީ ހަދަމުންނެވެ.

ރާއްޖޭގެ ރޭޓިންގެ ތާރީޚަށް އަލިއަލުވާލަމުން ސާއިދު ވިދާޅުވީ، 2017 ވަނަ އަހަރު އެންމެ ފުރަތަމަ ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" ގައި ހުރިއިރު، އެ އަހަރު 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑެއް ނެގި ކަމަށެވެ. އެ ދަރަނި އަދާކުރުމަށްޓަކައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ނެގި ނަމަވެސް، އެ ދަރަނި އެއްކޮށް ޚަލާޞްކުރެވުނީ މިދިޔަ އޭޕްރީލް މަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސާއިދު ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ކުރިން ދިމާވި ސުނާމީ ކާރިސާގެ ސަބަބުން އިޤްތިޞާދަށް އައި ލޮޅުންތަކާ ގުޅިގެން ރާއްޖޭގެ ރޭޓިން "ބީ" އަށް ދަށްވި ކަމަށެވެ. އަދި އޭރުގެ ސަރުކާރުން ޚަރަދުކުރުމުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން 2020 ވަނަ އަހަރު ރޭޓިން "ސީސީސީ" އަށް ވެއްޓުނު ނަމަވެސް، 2021 އަދި 2022 ގައި "ބީ މައިނަސް" އަށް ރޭޓިން މަތިވިއެވެ.

ސާއިދު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ލިބޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެހެން ދަރަނި އަދާކުރުމެވެ. ނަމަވެސް ކުރީ ސަރުކާރުގެ ދަރަނިތަކާއި ގައުމުގެ ހާލަތު އޭރު އޮތް ގޮތުން 2024 ވަނަ އަހަރު ރޭޓިން "ސީސީސީ ޕްލަސް" އަށް ދަށްވެ، ފަހުން "ސީސީ" އަށް ބަދަލުވިއެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރަސްމީ ރިޒާވުން ކުރަންޖެހޭ ބޭރު ފައިސާގެ ހޭދަތައް ބޮޑުވުމެވެ.

"ވަރަށް ކުޑަ ވަގުތުކޮޅެއް ސަރުކާރަށް ލިބުނީ ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ މިހުރިހާ ކަމަކާއެކީގައި ވަކި ގޮތަކަށް ކަންކަން ރާވާ ގެންދަން. މި ބުރަ މަސައްކަތާ މި ސަރުކާރުން ހަވާލުވި، މިހާރު މިކަންކަން ކާމިޔާބުކޮށް ނިންމާލުމުގައި ބައިވެރިވެފައިވާތީ ވަރަށް ފަޚުރުވެރިވޭ،" ސާއިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ދަރަނި ނެގުމަކީ އޭގެ ޒާތުގައި ގޯހެއް ނޫން ކަމަށާއި، މި ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައި ތަރައްޤީގެ ބަދަލުތަކާއެކު އިޤްތިޞާދަށް ހެޔޮ އަސަރުތަކެއް ކުރަމުންދާކަން ސާއިދު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450