ޚަބަރު
ކަލައިދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ބަހައްޓައިފި
އޭޓީއެމްގެ ޚިދުމަތް ފެށުން، ފޮޓޯ: އެމްއައިބީ
ލ. ކަލައިދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްއެއް ބަހައްޓައިފިއެވެ.
މި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފްކުރުމަށް މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢިސްމާއިލް ޝަފީޢުއާއި، އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ކަލައިދޫ ކައުންސިލުގެ ރައީސް އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންވިއެވެ.
މި އޭޓީއެމް ބެހެއްޓުމާ ގުޅިގެން އެމްއައިބީއިން ބުނީ، މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރި މުހިންމު މަސައްކަތެއް ކަމަށެވެ.
އެމްއައިބީއިން ބުނީ، މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި، ނެގުމުގެ ޚިދުމަތް ލ. އަތޮޅުގެ ބޮޑު އާބާދީއެއް އޮންނަ އިސްދޫ ކަލައިދޫގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށްވެސް އެ ބޭންކުން ވިދާޅުވެއެވެ.
އެމްއައިބީން ވިދާޅުވީ، މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައިވަނީ ބޭންކިން ނިޒާމް ފަސޭހަކޮށްދީ، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދޭނެ ގޮތަށް ކަމަށެވެ. އަދި މާލީ ޚިދުމަތް ދިނުން ފުޅާކުރުމުގެ ގޮތުން އެ ބޭންކުން މުޅި ރާއްޖޭގައި އޭޓީއެމް އަދި ސެލްފް ސާރވިސް ބޭންކިންގ ނެޓްވޯކް ޚިދުމަތް ތަޢާރަފު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.