ޚަބަރު
އިތުރު ދަރަނި ނުނަގައި ރާއްޖެއިން ބޮޑު ދަރަނި އަދާކޮށް، ދުނިޔޭގެ އިތުބާރު ހޯދައިފި!
ޑެޕިއުޓީ މިނސްޓަރު ސާއިދު - ފޮޓޮ : އެސްޓީއޯ
ދައުލަތުން އިތުރު ބޮޑު ދަރަންޏެއް ނެގުމުގެ ބަދަލުގައި، އަމިއްލަ ފައިމައްޗަށް ތެދުވެ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑު ދަރަންޏެއް ކާމިޔާބުކަމާއެކު އަދާކޮށް، ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއިން ހޯދައިފިކަން މާލީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސަތަފާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ނިންމެވުމަކީ، ކުރީގެ ދަރަނިތައް އަދާކުރުމަށްޓަކައި އިތުރު 350 މިލިއަން ޑޮލަރުގެ ދަރަނި ނެގުމަށް ބަޖެޓުގައި އަންދާޒާކޮށްފައި އޮތް ނަމަވެސް، އެ މަގު އިޚްތިޔާރު ނުކުރައްވައި ދައުލަތުގެ އާމްދަނީން އެ ދަރަނި ދެއްކުން ކަމަށެވެ. މިއީ ގައުމުގެ މާލީ މިނިވަންކަމަށްޓަކައި އެޅުނު ވަރަށް ހިތްވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ނިންމުމުގެ ދަށުން، މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ސަރުކާރުން ވަނީ އެއްފަހަރާ 524.68 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އަދާކޮށްފައެވެ. މީގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑާއި، 400 މިލިއަން ޑޮލަރުގެ ސުކޫކު ހިމެނެއެވެ. މީގެ އިތުރުން 150 މިލިއަން ޑޮލަރުގެ ޓީބިލްގެ ތެރެއިން 100 މިލިއަން ޑޮލަރު މިހާރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
"ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 123.6 އިންސައްތައިގައި ހުއްޓާ އަޅުގަނޑުމެން ހަވާލުވީ. އަޅުގަނޑުމެންގެ އަމާޒަކީ ދަރަނި އިތުރުވިޔަނުދީ ހިފެހެއްޓުން. ރޭޓިން އެޖެންސީތަކުން ދިޔައީ މި މަސައްކަތްތައް ވަރަށް ގާތުން ރިވިއު ކުރަމުން،" ސާއިދު ވިދާޅުވިއެވެ.
ސާއިދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ރޭޓަށް ބަދަލު ނުގެނެސް، އެއާޕޯޓް ޓެކުހާއި ފީތަކަށް ގެނައި އިސްލާހީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ރިޒާވް ވަނީ ބިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. އޭޕްރީލް މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައިވެސް 200 އާއި 250 މިލިއަން ޑޮލަރު ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
މި އިސްލާހީ ފިޔަވަޅުތަކާއެކު، ފިޗް އަދި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވެ، ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު އޮތީ އަމާން އައްސޭރިއަކަށް މިސްރާބު ޖަހާފައިކަން މާލީ ވުޒާރާއިން ފާހަގަކުރެއެވެ. މި ކާމިޔާބީގައި ރާއްޖޭގެ ޓެކްސް ދައްކާ ފަރާތްތަކުން ދިން އެއްބާރުލުމަށްވެސް ސަރުކާރުން ވަނީ ޝުކުރު އަދާކޮށްފައެވެ.