ޚަބަރު
އިސްލާމީ ކަންކަމަށް ދެއްވާ އެއްބާރުލުމަށް ޝަހީމްގެ ޝުކުރު ރައީސްއަށް
އިސްލާމީ ކަންކަމާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން ކާމިޔާބުކަމާއެކު ނިމިގެންދިޔުމާ ގުޅިގެން، ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އަހަންމިއްޔަތާއި އެހީތެރިކަމަށްޓަކައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރައީސަށް ޝުކުރު އަދާކުރައްވައިފިއެވެ.
ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖުވެރިންގެ ކަންކަން ގާތުން ބައްލަވައި، އެ ދާއިރާ ތަރައްޤީކުރުމަށް ރައީސް މުޢިއްޒު ދެއްވާ އިރުޝާދާއި މެދުނުކެނޑޭ އެއްބާރުލުމަކީ ދިވެހި ޙައްޖުވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޙައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ސަރުކާރުން ދެއްވި ސަމާލުކަން ވަޒީރު ފާހަގަކުރއްކުރެއްވިއެވެ.
ވަޒީރުގެ ޕޯސްޓުގައި، ސައުދީ ސަރުކާރުން "މައްކާ ރޯޑް އިނީޝިއޭޓިވް" ގެ ޚިދުމަތް ރާއްޖެއަށް ފުޅާކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ހޯއްދެވި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން، މިއަހަރުގެ ޙައްޖު އިންތިޒާމުތައް ފުރިހަމަކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލްއާއި، އެ ކޯޕަރޭޝަންގެ މުވައްޒަފުންނާއި، ވޮލަންޓިއަރުން އަދި ސިއްޙީ އެހީތެރިން ކުރެއްވި ބުރަ މަސައްކަތް ވަޒީރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިނިސްޓްރީގެ ޙައްޖު އެންޑް ޢުމްރާ ސެކްޝަނާއި ޙައްޖު މިޝަނުން ޙައްޖުވެރިންނަށް ޚިދުމަތް ކުރުމުގައި ދެއްކެވި އިޚްލާޞްތެރިކަމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް ސައުދީ ޢަރަބިއްޔާގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޚާދިމުލް ޙަރަމައިނިއްޝަރީފައިނި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. ސައުދީ ސަރުކާރުން ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ތާރީޚީ އަދި ޝަރަފުވެރި ނަމޫނާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޙައްޖާއި ޢުމްރާގެ ނިޒާމު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުން ކަމަށެވެ. އަދި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމުގެ މަތިވެރި މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، ކާމިޔާބީ މިންވަރުކޮށްދެއްވުމަށް އެދި ވަޒީރު ދުޢާކުރެއްވިއެވެ.