Ads by Farudhun

ޚަބަރު

ޤައުމީ ޤުރުއާން މުބާރާތުގެ އައު އޮނިގަނޑާއެކު އޮޑިޝަންތައް ފަށައިފި

ޤައުމީ ޤުރުއާން މުބާރާތުގެ އައު އޮނިގަނޑާއެކު އޮޑިޝަންތައް ފަށައިފި

ޤައުމީ ޤުރުއާން މުބާރާތުގެ އޮޑިޝަން ފެށުން / ފޮޓޯ: ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު

06 ޖޫން 2026، 10:34

މި އަހަރު އައު އޮނިގަނޑަކަށް ކުރިޔަށްގެންދާ، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަންތައް ހުކުރު ދުވަހު ފަށައިފިއެވެ.

އޮނިގަނޑަށް ގެނައި ބޮޑު ބަދަލާއެކު ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގައި އޮޑިޝަން ބުރެއް ހިމެނޭނެއެވެ. އަދި އޮޑިޝަންތައް ކުރިޔަށް ގެންދަނީ އަތޮޅުތައް ވަކިވަކިންނެވެ. 

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެންމެ ފުރަތަމަ އޮޑިޝަން ބުރު ކުރިޔަށް ގެންދަނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ އަދި ނ. މަނަދޫގައެވެ. މި ބުރު ހުކުރު ދުވަހު ފަށާފައިވާއިރު، މިއަދުގެ ނިޔަލަށް މި އަތޮޅުތަކުގެ އޮޑިޝަން ބުރު ނިމޭނެއެވެ.

އޮޑިޝަން ބުރު ކޮންމެ އަތޮޅަކުން އެއް ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވި އެހެން ރަށްރަށުގެ ބައިވެރިން ޖެހޭނީ އޮޑިޝަން އޮންނަ ރަށަކަށް ދާށެވެ.

އެހެން އަތޮޅުތަކުގެ އޮޑިޝަންތައް ރޭވިފައިވާ ގޮތް:

ޖޫން 12 އަދި 13: ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ އަދި އދ. މަހިބަދޫ

ޖޫން 19 އަދި 20: ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ތ. ވޭމަންޑޫ

ޖޫން 26 އަދި 27: ލ. ފޮނަދޫ، ގއ، ވިލިނގިލި، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މީދޫ

ޖުލައި 3 އަދި 4: މާލެ އަތޮޅުގެ ރަށްތަކަށް ބާއްވާ އޮޑިޝަން ބުރު

ޖުލައި 5އިން 11އަށް: މާލެ ސިޓީގެ އޮޑިޝަން ބުރު

މި އަހަރުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މުޅި ރާއްޖެއިން 3،053 ބައިވެރިން ވަނީ ނަން ހުށަހަޅާފައިވެއެވެ.

އައު އޮނިގަނޑުގައިވާ ގޮތުން، ޤުރުއާން މުބާރާތް ކުރިޔަށް ދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އޮޑިޝަން ބުރުތަކަށްފަހު ދެން އޮންނާނީ ސެމީފައިނަލް ބުރާއި ފައިނަލް ބުރެވެ. މި ބުރުތައް ކުރިޔަށް ގެންދާނީ މާލޭގައެވެ. 



މުބާރާތުގެ ސެމީފައިނަލް ބުރަށް ދާނީ، އޮޑިޝަނުން ކޮންމެ ކެޓަގަރީއަކުން، %80 އިން މަތިން ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ. އަދި މުބާރާތުގެ ފައިނަލް ބުރަށް ދާނީ، ސެމީފައިނަލުގެ ކޮންމެ ކެޓަގަރީއަކުން، %85 އިން މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން، އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ. ސެމީ ފައިނަލާއި ފައިނަލް ބުރު އޮންނާނީ، ސެޕްޓެމްބަރު މަހުގެ 11 އިން 19 އަށެވެ.

މި މުބާރާތުގެ ސެމީފައިނަލް ބުރާއި، ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުމަށް އިންސާފު ކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ފެނަލުގައިވެސް މަދުވެގެން ބައިނަލްއަޤުވާމީ ފެންވަރުގެ ފަޑިޔާރަކު އިންނަން ޖެހެއެވެ. 

މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ކޮންމެ ޢުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ބައިންނާއި، ޙާފިޡުންގެބައިން 1ވަނަ، 2ވަނަ އަދި 3ވަނަ ބައިވެރިޔާ ހޮވާނެއެވެ. މީގެ އިތުރުން މިބައިތަކުން މުޅި މުބާރާތުން 1ވަނައަށް ހޮވޭ ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450