ޚަބަރު
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަން - ފޮޓޯ : އިމިގްރޭޝަން
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން، އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑެކެވެ. އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން ޖުމްލަ 17 ބިދޭސީއެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 7 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައީ ރާއްޖޭގައި އުޅުމުގެ ޤަވާއިދާ ޚިލާފުވެފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ދެއްވާ އިސްކަމުގެ ދަށުން، މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ޚާއްޞަކޮށް ދިވެހިންގެ ނިވަލުގައި ތިބެ ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ދަނީ ހަރަކާތްތެރިވަމުންނެވެ. ބިދޭސީންގެ މައްސަލަ ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ސަރުކާރުން ފާހަގަކުރައްވައެވެ.
މި މަސައްކަތްތަކުގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުން ފެށިގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އެގޮތުން، އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު އެއްވެސް ފުރުޞަތެއް ނުދީ ވަގުތުން ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރުވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.
މި އޮޕަރޭޝަންތަކަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީވެސް ޤާނޫނީ އިމުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކުރުމަށް ހިންގޭ މުހިންމު ހަރަކާތްތަކެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.