Ads by Farudhun

ޚަބަރު

ޙައްޖުވެރިން އެނބުރި އަންނައިރު 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު މޮނިޓަރކުރުން މުހިންމު

ޙައްޖުވެރިން އެނބުރި އަންނައިރު 14 ދުވަސް ވަންދެން ޞިއްޙީ ހާލަތު މޮނިޓަރކުރުން މުހިންމު

ފޮޓޯ : ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 01:35

06 ޖޫން 2026، 01:35

މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ދިވެހި ޙައްޖާޖީން އެނބުރި ރާއްޖެ އަންނަން ފަށާފައިވާއިރު، ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަށް އެބޭފުޅުންގެ ޞިއްޙީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، ޙައްޖުގެ އަޅުކަމަކީ ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅޭ ހަރަކާތަކަށްވުމާއެކު، ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތް ނަމަވެސް ރާއްޖެ އައުމަށްފަހު ދެ ހަފުތާ ވަންދެން ހަށިގަނޑަށް އަންނަ ބަދަލުތައް ބެލުމަކީ ބަލިތައް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ފެނޭތޯ ބެލުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައިވެސް ގައިން ގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއެކު، ޙައްޖުވެރިންނާއި އެބޭފުޅުންގެ އާއިލާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ މާހިރުން އަންނަނީ އިރުޝާދު ދެއްވަމުންނެވެ. އެގޮތުން އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އެޅުމުގައި އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި، ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުން ހިމެނެއެވެ.

މި މައުޟޫއާ ގުޅޭގޮތުން ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ފެމިލީ މެޑިސިން ޑރ. އިބްރާހީމް އިޔާޒް ފާހަގަކުރެއްވި ގޮތުގައި، މި އަހަރު ފެށުނީއްސުރެ ވައިރަލް ހުމާއި، ޑެންގީ އަދި އިންފްލުއެންޒާގެ ކޭސްތައް ރާއްޖޭގައި މަދެއް ނުވެއެވެ. ޙައްޖުގެ އަޅުކަމުގެ ތެރޭގައި މީހުން ވަރަށް ގާތްގާތުގައި އުޅެންޖެހުމަކީ މިފަދަ ބަލިތައް ފެތުރުމަށް މަގުފަހިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ، މި ބަލިތަކުގެ ނުރައްކާ އެންމެ ބޮޑީ "ހައި ރިސްކު" މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި:

ވެކްސިން ފުރިހަމަނުކުރާ ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުން
މާބަނޑު އަންހެނުން
ހަކުރު ބަލި، ހިތުގެ ބަލި އަދި ކޮލެސްޓްރޯލް ފަދަ ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުން ހިމެނެއެވެ.
ޑެންގީ އާއި އިންފްލުއެންޒާއަކީ ބަލީގެ ކުރީކޮޅު އާދައިގެ ގޮތަކަށް ހުރި ނަމަވެސް، ކުއްލިއަކަށް ހާލަތު ގޯސްވެ ނުރައްކާތެރިވެދާނެ ބަލިތަކަކަށް ވާތީ، އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ބަލިވެ އުޅޭނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރުމުން ދުރުހެލިވުމަކީ އެންމެންގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450