Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ބާއްވާ ޚާއްޞަ އާއިލީ ދުވުމެއް ތިނަދޫ ސިޓީގައި ބާއްވަނީ

މަސްތުވާތަކެއްޗާ ދެކޮޅަށް ބާއްވާ ޚާއްޞަ އާއިލީ ދުވުމެއް ތިނަދޫ ސިޓީގައި ބާއްވަނީ

ގިރިންދާއިން ބާއްވާ އާއިލީ ދުވުން - ފޮޓޯ : ގިރިންދާ ޖަމިއްޔާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

06 ޖޫން 2026، 02:19

06 ޖޫން 2026، 02:19

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ގދ. ތިނަދޫ ސިޓީގައި އާއިލީ ދުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުމަކީ ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ "ގިރިންދާ" އިސްނަގައިގެން، އެ ސިޓީގެ ސަރުކާރު މުއައްސަސާތަކާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. "ގިރިންދާ" ޖަމްއިއްޔާއިން މައުލޫމާތު ދޭ ގޮތުގައި މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 26 ވަނަ ދުވަހުއެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމާއި، މި ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމެވެ.

"ގިރިންދާ" އަކީ ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޖަމްއިއްޔާއެކެވެ. މިގޮތުން، ހުވަދޫ އަތޮޅުގެ ހުރިހާ ރަށަކުން މަސްތުވާތަކެތީގެ ވަބާ ނެތިކޮށްލުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އެ ޖަމްއިއްޔާއިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ. އެގޮތުން ދުވުމުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ފީތަކަކީ ބޮޑު މީހަކަށް 165 ރުފިޔާ އަދި ކުޑަކުއްޖަކަށް 135 ރުފިޔާއެވެ. މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ގިރިންދާ ޖަމްއިއްޔާއިން ހިންގާ ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތަކަށެވެ.

ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، "ގިރިންދާ" ޖަމްއިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ލިންކު މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.https://forms.gle/USoRxidMnS7tgnPm6

މި ދުވުމުގައި ތިނަދޫ ސިޓީގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލް ކުދިންގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވާނެ ކަމަށް އެ ޖަމްއިއްޔާއިން އުންމީދު ކުރެއެވެ. ގިރިންދާ ޖަމްއިއްޔާއިން ބުނީ، މި ދުވުމަކީ ހަމައެކަނި ކުޅިވަރު ހަރަކާތެއް ނޫން ކަމަށާއި، މިއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށްގެންދާ މުހިންމު ގައުމީ މަސައްކަތެއް ކަމަށެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން މަސްތުވާތަކެތީގެ ނުރައްކަލާ މެދު މުޖުތަމައު އިތުރަށް ހޭލުންތެރިވެ، ހުވަދޫ އަތޮޅަކީ މި ވަބާއިން ސަލާމަތްވެފައިވާ އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ޖަމްއިއްޔާއިން ދެކެއެވެ. އެހެންކަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަކީ "ގިރިންދާ" ޖަމްއިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450