ޚަބަރު
ކުރީގެ ސަރުކާރުން ފައިސާ ޗާޕު ކުރުމަކީ ފިޗްގެ ރޭޓިން ދަށްވާން ޖެހުނު އެއް ސަބަބު: ތަރުޖަމާނު
ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕު ކުރުމަކީ ފިޗްގެ ރޭޓިން ދަށްވާން ޖެހުނު އެއް ސަބަބު ކަމުގައި ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ސްޕޯކްސް ޕާރސަން މިހެން ވިދާޅުވީ، މިއަދު އޮތް "ޕްރެސަރ ވިތު ދަ ސްޕޮކްސް"ގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސްއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ 'ސީސީ' އިން 'ސީސީސީ-'އަށް މަތިކުރި ނަމަވެސް، އެކަމުގައި ހަޤީޤަތް އޮޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ދިއުމާ ގުޅިގެން ސްޕޯކްސްޕަރސަން ވިދާޅުވީ، ރާއްޖޭގެ ކްރެޑިޓް ރޭޓިން މި ސަރުކާރު ހަވާލުވިފަހުން ދަށަށް ދިޔައީ، މިދިޔަ ސަރުކާރުގައި އިޤުތިޞާދީ ގޮތުން އެޅި ގޯސް ފިޔަވަޅުތަކަކުން ކަމަށެވެ. އެގޮތުން އިޤްތިޞާދަށް ލިބޭނެ ގެއްލުމަކަށް ނުބަލާ ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
2023ވަނަ އަހަރު ސަރުކާރު ބަދަލުވި ފަހުން ފިޗްގެ ރޭޓިން ދަށްވީ މި ސަރުކާރުން ކުރި ކަމަކުން ނޫން. އެހެން އެކަން ހިނގީ، ސަރުކާރުން ހަވާލުވިއިރު ދަރަނި އޮތް މިންވަރާއި، ދަރަނި އަދާކުރަން ކުރަން ޖެހުނު ކަންތައްތަކާއި، އެ ކުރަން ޖެހުނު ކަންތައްތަކުގެ ބޮޑު ކަމުން. މީގެ އިތުރުން ދަރަނި ނަގާފައި ހުރި މިންވަރާއި، ދަރަނި ނަގާފައި ހުރި ގޮތަކީ ވެސް އެކަމަށް މަގުފަހިވި ކަންކަން.
ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމަކީ ވެސް މިކަމުގެ މައިގަނޑު ސަބަބެއްކަން ސްޕޯކްސްޕާރސަން ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ހާމަކުރައްވަމުން ސްޕޯކްސްޕާރސަން ވިދާޅުވީ، ފެށުނީއްސުރެއް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިޤުތިޞާދު ރަނގަޅުކޮށް، ވާރުތަވި ދަރަނިތައް އަދާކުރުމާއި ބައެއް ދަރަނިތައް ރީ-ސްޓްރަކްޗަރ ކުރުމަށް ކަމަށެވެ. އަދި ފިޗްގެ ރޭޓިން މަތިވެގެން ދިޔައީ ދަރަނި އަދާކުރުމުގައި އަމަލުކުރި ހަރުދަނާ އުސޫލުތަކުގެ ސަބަބުންކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ފިޗްގެ ރޭޓިން ރަނގަޅުވުމާ ގުޅިގެން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލަމުން ސްޕޯކްސްޕާރސަން ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ އިންވެސްޓްމެންޓްތައް އިތުރުވެ، އުމްރާނީ ކަންކަމާއި ތަރައްޤީގެ އެހެނިހެން ކަންކަމަށް ދޭދޭ ޤައުމުތަކުން އެހީތެރިކަން ހޯދުމަށް ކުރިޔަށްވުރެ ފަސޭހަވާނެ ކަމަށެވެ.
އަދި މި ކަންކަމާ ގުޅިގެން ފިޗްގެ ރޭޓިން އިތުރަށް މަތިވެ، އެކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރަން ފެށުމަކީ އެކަން ފާހަގަ ކުރެވޭ ހިސާބަށް ދިއުންކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.