ޚަބަރު
ބައި-އިލެކްޝަނުން ފެނުނީ ރައީސް މުއިއްޒުގެ ތާއީދު؛ ކުރީގެ ތިން ރައީސުންނަށް ލިބުނީ ބޮޑު ނާކާމިޔާބީއެއް - ޝުޖާއު
އެމްޕީ ޝުޖާއު - ފޮޓޯ : އެމްޕޯ ޝުޖާއު ފޭސްބުކް
ފަހުން ބޭއްވުނު ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އޮތް ރައްޔިތުންގެ އިތުބާރު ކަމަށާއި، ކުރީގެ ތިން ރައީސުން ގުޅިގެން ކުރެއްވި މަސައްކަތުން ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ޞާލިޙް ގުޅިގެން ނެރުއްވި ނަތީޖާއާއި ރައީސް ޑރ. މުއިއްޒު އެކަނި ހޯއްދެވި ނަތީޖާއާ ދެމެދު އޮތީ އެންމެ 62 ވޯޓުގެ ތަފާތެއް ކަމަށެވެ. މިއީ ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ދޭ ތާއީދު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ޕީއެންސީން މި ނަތީޖާ ހޯއްދެވީ އެމްޑީޕީގެ ސަރުކާރުން މީގެ ކުރިން ބައި-އިލެކްޝަންތަކުގައި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި އުސޫލަކުން ނޫނެވެ. މިގޮތުން ކޮމަންޑޫ ދާއިރާއާއި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންތަކުގައި މުޅި ދައުލަތް އޮއްސާލި ފަދައިން މި ސަރުކާރުން އަމަލުކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާސަންދައާއި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިފައިގެން ރަށްރަށަށް އަރައި، ވަޒީފާއާއި ޕްރޮމޯޝަންގެ ނުފޫޒު ފޯރުވައިގެން ވޯޓު ހޯދުމުގެ ސަގާފަތް މި ސަރުކާރުން ނައްތާލާފައިވާ ކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.
އިންތިޚާބުގެ ކެމްޕޭން ކުރިއަށްދިޔަ ގޮތަށް އަލިއަޅުވާލައްވަމުން ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ގޭގައި ހުންނަވައިގެން ކޯލްސެންޓަރެއް ހައްދަވައިގެން ރައްޔިތުންނަށް ގުޅުއްވަމުން ގެންދެވި އިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙް ހިތަދޫގައި "ޑޯޓު-ޑޯ" ހިންގެވުމުގައި އުޅުއްވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަށް މި ނަތީޖާއިން ލިބޭނީ ހައިރާންކަމެއް (ޝޮކެއް) ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި، އިދިކޮޅު ފަރާތްތަކުން ކެމްޕޭނުގައި އަވަދިނެތި އުޅުއްވިއިރު، ރައީސް ޑރ. މުއިއްޒު ހުންނެވީ ގައުމާއި ރައްޔިތުންގެ ހައްގުގައި މުހިންމު މަސައްކަތްޕުޅުތަކެއްގައެވެ. އެގޮތުން ކުރީގެ ތިން ރައީސުންގެ ދައުރުގައި ނަންގަވާފައިވާ ބޮޑެތި ލޯނުތައް ދެއްކުމަށާއި، ގައުމުގެ އިގްތިސާދީ ރޭޓިން ރަނގަޅުކުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތަކުގައި ރައީސް ވަގުތު ހޭދަކުރެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ތިރީގައި އެވަނީ 3 ރައީސުން އެކުވެގެން ބައި - އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ @MMuizzu އެކަނި ހޯއްދެވި ނަތީޖާ.ރަގަޅަށް ބައްލަވާ!ތަފާތު ކުރެވުނީ އެންމެ 62 ވޯޓް.
— Ibrahim Shujau (@IbrahimShujaau) June 6, 2026
ރައީސް ޑރ @MMuizzu މިނަތީޖާ ހޯއްދެވީ MDP ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަކަށް… pic.twitter.com/vNlVm1fIPD
މި ބައި-އިލެކްޝަންތަކުގެ ނަތީޖާއިން ސާފުވެގެންދިޔައީ ރައީސް ޑރ. މުއިއްޒުގެ އިޚުލާޞްތެރި ޚިދުމަތް ރައްޔިތުން ބަލައިގަންނަ މިންވަރު ކަމަށްވެސް ޝުޖާއު ކުރެއްވި ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.