ޚަބަރު
އައްޑޫގައި ޕީއެންސީން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބީއެއް: މިނިސްޓަރު ރާފިއު
މިނިސްޓަރު ރާފިއު - ފޮޓޯ : ޔޫތު މިނިސްޓްރީ
އައްޑޫ ސިޓީގައި މިއަދު ބައިއިލެކްޝަންގައި ބެހެއްޓުނު ވޯޓު ފޮށިތަކުން ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ކެނޑިޑޭޓް ހޯއްދެވި ނަތީޖާއަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ، ހިތަދޫއިން ނެގުނު ވޯޓުތަކަށް ބަލާއިރު 34 ވޯޓުގެ ތަފާތަކުން ޕީއެންސީ މޮޅުވެފައިވާ ކަމަށެވެ. މިއީ އެ ދާއިރާގައި ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މާލޭގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން އެއް ފޮށިން ޕީއެންސީން ލީޑު ނެގި ނަމަވެސް، އަނެއް ފޮށީގެ ތަފާތު ބޮޑުވުމުގެ ސަބަބުން މުޅި އިންތިޚާބު ކާމިޔާބު ނުވީ ކަމަށެވެ. ނަމަވެސް ފާއިތުވި އެއްމަސް ދުވަހުގެ ތެރޭގައި ޓީމެއްގެ ގޮތުގައި ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މި ކަމުގައި ދެއްވި އެއްބާރުލުމަށް ކޮންގްރެސް ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެބޭފުޅުންނާއި އަޅުގަނޑުމެންނާ ދެމެދު އޮތް ވަރުގަދަ ކޯޑިނޭޝަނެއްގެ ސަބަބުން މި މަސައްކަތްތައް ކުރިއަށް ގެންދެވުނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ ކެމްޕެއިން ޓީމުން ކުރެއްވި ބުރަ މަސައްކަތްތަކަށްވެސް މިނިސްޓަރު ޝުކުރު އަދާކުރެއްވިއެވެ.
މިނިސްޓަރު ރާފިއު ފާހަގަކުރެއްވި ގޮތުގައި މި ކެމްޕެއިންގެ ތެރޭގައި ދާއިރާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެހެންކަމުން ދެން އޮތީ އެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުން ކަމަށް ވިދާޅުވިއެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ޕާޓީގެ ކުރިމަގު އިތުރަށް ފުޅާކުރުމަށް މަގުކޮށިގެން ގޮސްފައިވާ ކަމަށާއި، މިއީ އާ ފެށުމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވަރަށް އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު ކުރިއަށްދިޔަ މި ކެމްޕެއިނަކީ ވަރަށް ޖޯޝާއި ފޯރީގައި، އަދި ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިގެންދިޔަ ކަމެއްގެ ގޮތުގައި މިނިސްޓަރު ރާފިއު ވަނީ ސިފަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ތަރައްގީގެ މަޝްރޫއުތައް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ދެއްވިއެވެ.
މި ބައި އިލެކްޝަންގެ ކެމްޕެއިން މެނޭޖަރަކީ މިނިސްޓަރު ރާފިއުއެވެ.