ރިޕޯޓް
ހިތަދޫ އުތުރުގެ ސިޔާސީ އޮއިވަރު ބަދަލުވުން: 62 ވޯޓުގެ ފަރަގަކީ ބޮޑު އިންޒާރެއް!
އަހުމަދު ސައީދުގެ ކެމްޕެއިން - ފޮޓޯ : ޕީއެންސީ
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާއަކީ ޒަމާނުއްސުރެ ރާއްޖޭގެ ސިޔާސީ ޗާޓުގައި ވަކި ކުލައަކުން ފަވާލެވިފައިވާ، ވަކި ފިކުރެއްގެ "ރަސްކަން" ދެމިއޮތް ވަރުގަދަ ކިއްލާއެކެވެ. އެމްޑީޕީގެ ފިކުރަށް ހިތާއި ރޫހުން ތާއީދުކުރާ، އެ ޕާޓީގެ "ހާއްޔެއް" ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ މި ދާއިރާއިން މިފަހަރު ފެނިގެންދިޔަ ބައި-އިލެކްޝަނުގެ ނަތީޖާއަކީ ސިޔާސީ ގޮތުން ގިނަ ފިލާވަޅުތަކެއް ނަގައިދިން، އަދި ހަގީގަތުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމުގައި ބެލުމުގެ ފުރުސަތު ބޮޑު ނަތީޖާއެކެވެ.
ކަރުދާހުގައި އޮތް ހިސާބު އަކުރުތަކަށް ބަލާއިރު އެމްޑީޕީގެ ކެންޑިޑޭޓުގެ ނަން ކުރީގައި އޮތް ނަމަވެސް، މި އިންތިޚާބުގެ އަސްލު ތަސްވީރަކީ ޕީއެންސީއިން ހިތަދޫ އުތުރުގެ "ގަދަފަދަ" ސިޔާސީ ބިންގާ ގުޑުވާލައި، އެ ޕާޓީގެ ތާރީޚުގައި މިހާތަނަށް އެ ދާއިރާއިން ނުހޯދާ ފަދަ ބޮޑު ކުރިއެރުމެއް ހޯދުމެވެ. ބަލިވީ އެންމެ 62 ވޯޓުގެ ކުޑަކުޑަ ފަރަގަކުން ކަމަށްވާއިރު، މިއީ އެމްޑީޕީގެ މި ކިއްލާއަށް ދެވުނު ވަރުގަދަ އިންޒާރެކެވެ.
ތާރީޚަށް ނަޒަރު ހިންގާލާއިރު، ހިތަދޫ އުތުރަކީ އެމްޑީޕީގެ މުހައްމަދު އަސްލަމްގެ "އަމިއްލަ މިލްކެއް" ފަދަ ގުޑުވާނުލެވޭނެ ތަނެކެވެ. 2009 ވަނަ އަހަރު 43.64 އިންސައްތަ (1030 ވޯޓު) ހޯއްދަވައިގެން އަސްލަމް ފެއްޓެވި ސިޔާސީ ދަތުރުގައި، 2014 ގައި 52.66 އިންސައްތަ (1267 ވޯޓު) އަދި 2019 ގައި 41.51 އިންސައްތަ (1184 ވޯޓު) ވަނީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް، ނިމިދިޔަ 2024 ގެ މަޖިލީހުގެ އިންތިޚާބަކީ މި ކިއްލާގެ ފާރުތަކުގައި ރެނދު އަޅުވާލެވުނު ފުރަތަމަ ފަހަރެވެ. އެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން 1079 ވޯޓު (39.05) އިންސައްތަ ހޯއްދަވައި، އަސްލަމަށްވުރެ ކުރި ހޯއްދެވި ހިސާބުން، އެ ދާއިރާގެ ސިޔާސީ އޮއިވަރު ބަދަލުވާން ފަށައިފިކަން ސާފުވިއެވެ.
މިފަހަރުގެ ބައި-އިލެކްޝަނަކީ ޕީއެންސީގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަޚުރެކެވެ. މިހާތަނަށް އެ ދާއިރާއިން އެންމެ ގިނަ ވޯޓު އެ ޕާޓީއަށް ލިބުނީ މިފަހަރުއެވެ. ޖުމްލަ 1313 ވޯޓާއެކު ވޯޓުލީ މީހުންގެ 49 އިންސައްތަ ޕީއެންސީން ކާމިޔާބު ކުރިއިރު، މިއީ މީގެ ކުރީގެ ކައުންސިލް އިންތިޚާބުތަކުގައި ލިބުނު 38 އިންސައްތައާއި ޑަބްލިއުޑީސީ އިންތިޚާބުގައި ލިބުނު 35 އިންސައްތައާ އަޅާބަލާއިރު އުޑާއި ބިމާ ފަދަ ބޮޑު ތަފާތެކެވެ. ޚާއްސަކޮށް، އައްޑޫގައި ބެހެއްޓުނު ފޮށިތަކުގެ މެޖޯރިޓީ ޕީއެންސީން ކާމިޔާބު ކޮށްފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓް ސޯބެއަށް ނޭވާލާނެ ފުރުސަތެއް ލިބުނީ މާލޭގައި ބެހެއްޓި އެންމެ ފޮށްޓަކުން ލިބުނު ކުޑަ ތަފާތަކުންނެވެ. މުޅި އިންތިޚާބުގެ ޖުމްލަ ފަރަގަކީ އެންމެ 62 ވޯޓު ކަމަށްވުމީ، އެމްޑީޕީގެ "ރަސްކަން" މި ދާއިރާއިންވެސް އަދި މުޅި އައްޑޫއިންވެސް ނިމުމަކަށް އަންނަކަމުގެ އަލިގަދަ ހެއްކެކެވެ.
މި ނަތީޖާގެ ބަރުދަން އިތުރުވެ، އަގު ބޮޑުވެގެންދަނީ މިކަމާ ދެކޮޅަށް ހިޔަނި އަޅުވައިގެން ތިއްބެވި ސިޔާސީ ބޭފުޅުންގެ ސަބަބުންނެވެ. ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން، އިބްރާހިމް މުހައްމަދު ޞާލިހް، އަދި މުހައްމަދު ނަޝީދު އެކަކު އަނެކަކާ ފިކުރީ ގޮތުން ތަފާތުވިޔަސް، މި އިންތިޚާބުގައި ޕީއެންސީ ބަލިކުރުމަށްޓަކައި އެ ބޭފުޅުން ތިއްބެވީ ނުސީދާކޮށްނާއި ސީދާކޮށް އެއް ގަލަކަށް އަރާވަޑައިގެންނެވެ.
ރާއްޖޭގެ އެންމެންގެ ލޯބި ލިބިފައިވާ ކަމަށް އަދި މީހުންގެ ތާއީދު އޮތްކަމަށް ދައުވާ ކުރަށްވާ ބޭފުޅުން މި އިންތިހާބައްޓަކައި ގޭގެއަށް ވަދެ، ބަދިގެތަކުގައި ރޮށި ފިހެދީ، ކުދިން ބަލައިދީ، އަދި އީދު ޝޯތަކުގައި ދަނޑިޖަހައިގެން ކުރެއްވި "ލަނގިރި" ކެމްޕޭނަށް ލިބުނު ޖުމްލަ ނަތީޖާއަކީ އެންމެ 1375 ވޯޓެވެ. މިއީ އެ ތިން ބޭފުޅުންގެ ނުފޫޒަށް ބަލާއިރު، ބޮލަކަށް ޖެހެނީ އެންމެ 458 ވޯޓެވެ.
އަނެއްކޮޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ ހުންގާނުގައި ހުންނަވައި، ދައުލަތުގެ ވަސީލަތްތަކުގެ ނަހަމަ ބޭނުން ނުކުރައްވައި، އަދި ކެމްޕޭނަށް މާލޭގެ މަސައްކަތްތައް ދޫކޮށްލައްވައި ވަޑައިނުގެން ހުންނަވައިގެން ހޯއްދެވި 1313 ވޯޓަކީ ސިޔާސީ ކާމިޔާބީގެ އާ އުސްމިނެކެވެ. މީގެ ކުރީގެ ސަރުކާރުތަކުން ބައި-އިލެކްޝަންތަކާ ދިމާކޮށް ވަޒީފާއާއި މަޝްރޫއުތަކުގެ "ވާރޭ" ވެއްސައިގެން ހޯދި ނަތީޖާތަކާ އަޅާބަލާއިރު، މިއަދުގެ އިންސާފުވެރި މާހައުލުގައި ޕީއެންސީން ހޯދި މި ކުރިއެރުމުން ހާމަވަނީ އެ ޕާޓީގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމެވެ.
ހިތަދޫ އުތުރުގެ "ރަންގޮނޑި" މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަކު ނުކުމެ، ތިން ރައީސުންގެ ހިޔަލުގައި ތިބެގެން، އެންމެ 62 ވޯޓުގެ ކުޑަ ތަފާތަކުން ހޯދި މި މޮޅަކީ، ހަގީގަތުގައި ޕީއެންސީގެ ކުރިމަގު އެ ދާއިރާގައި އުޖާލާކަން އަންގައިދޭ ރަނގަޅު ހެއްކެކެވެ. މިއީ ޕީއެންސީއަށް ލިބުނު އުއްމީދީ ފެށުމެކެވެ.