ޚަބަރު
އައިޔޫއެމްގެ ޕީއެޗްޑީ ކޯސްތަކަށް އޮތް ތަރުހީބު ބޮޑުވެ، ކިޔަވާ ދަރިވަރުންގެ އަދަދު 100 އިން މައްޗަށް
ރާއްޖެ މިއަދު ޕްރޮގްރާމް - ފޮޓޯ : ޕީއެސްއެމް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރިއަށްގެންދާ ޕީއެޗްޑީ ޕްރޮގްރާމްތަކަށް އޮތް ޝައުގުވެރިކަން އިތުރުވެ، މިހާރުވެސް 100 އަށްވުރެ ގިނަ ދަރިވަރުން އެ ފެންވަރަށް ތައުލީމު ހާސިލުކުރަމުންދާކަން އެ ޔުނިވަރސިޓީން ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާ ވިދާޅުވީ، ކުރީ އަހަރުތަކާ އަޅާބަލާއިރު ޕީއެޗްޑީ ކޯސްތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ނިމިދިޔަ ސެމިސްޓަރގައި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ޕީއެޗްޑީގެ އެންމެ 5 ޖާގައަށް ހުޅުވާލި ފުރުސަތަށްވެސް 30 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެޗްޑީއަށް ދަރިވަރުން ހޮވުމުގައި ގެންގުޅޭ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝީނާ ވިދާޅުވީ، މިއީ ދިރާސާގެ މައްޗަށް ބިނާވެފައިވާ މަތީ ފަންތީގެ ކޯހަކަށްވުމުން، ދަރިވަރުން ހުށަހަޅާ ދިރާސާ ޕްރޮޕޯސަލަށް އެ ދަރިވަރަކު އަހުލުވެރިވެފައިވާ މިންވަރަށް ވަރަށް ބޮޑަށް ބަލާނެ ކަމަށެވެ. ގިނަ ދަރިވަރުންތަކެއް ކުރިމަތިލާއިރު ޖާގަ ލިބެނީ އެންމެ ރަނގަޅު ޕްރޮޕޯސަލްތައް ހުށަހަޅާ ދަރިވަރުންނަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އައިޔޫއެމްގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ވިދާޅުވި ގޮތުގައި، މި ސެމިސްޓަރގައި ހަމައެކަނި އެޑިޔުކޭޝަން ދާއިރާއިން ޕީއެޗްޑީއަށް ހުޅުވާލާފައިވީ ނަމަވެސް، ޖުމްލަ ހަތަރު ފެކަލްޓީއެއްގައި ޕީއެޗްޑީގެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކުއްލިއްޔާ އޮފް ރިވީލް ނޮލެޖް (އުސޫލު ފިޤުހުގެ ދާއިރާއިން)
ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ (ޝަރީޢާ އަދި ޤާނޫނީ ދާއިރާއިން)
ކުއްލިއްޔާ އޮފް އެޑިޔުކޭޝަން (ތައުލީމީ ދާއިރާއިން)
މެނޭޖްމަންޓް އެންޑް ލީޑަރޝިޕް (މެނޭޖްމަންޓް ދާއިރާއިން)
މިއަހަރުގެ ދެވަނަ ސެމިސްޓަރގައި އައިޔޫއެމުން ވަނީ ތަފާތު އެކި ދާއިރާތަކުން ޖުމްލަ 67 ކޯހަކަށް ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރޭގައި ޕީއެޗްޑީގެ އިތުރުން މާސްޓާސް ފެންވަރުގެ 15 ކޯހަކާއި، ބެޗެލާސް ޑިގްރީގެ 16 ކޯހެއްގެ އިތުރުން ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ގިނަ ކޯސްތަކެއް ހިމެނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.
މި ކޯސްތައް މާލޭގެ މައި ކެމްޕަހުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އައިޔޫއެމްގެ 7 ކެމްޕަހެއްގައި ކުރިއަށްދާނެއެވެ. އެއީ އުނގޫފާރު، ނައިފަރު، ފޮނަދޫ، ތިނަދޫ، ފުވައްމުލައް، މީދޫ އަދި މަރަދޫ ފޭދޫ ކެމްޕަހެވެ. ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ކެމްޕަހަށް ހާޒިރުވެގެން، ނުވަތަ މި ދެގޮތް އެކުލެވޭ 'ބްލެންޑެޑް މޯޑް' އަށެވެ. ކޯސްތަކާ ބެހޭ އިތުރު ތަފްސީލާއި ޝަރުތުތައް ޔުނިވަރސިޓީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބޭނެއެވެ.