Ads by Farudhun

ޚަބަރު

ތިނަދޫ ސިޓީގެ 50 ފްލެޓްގެ މަސައްކަތް ކުރިއަށް ދަނީ

ތިނަދޫ ސިޓީގެ 50 ފްލެޓްގެ މަސައްކަތް ކުރިއަށް ދަނީ

ތިނަދޫ ސިޓީގައި އަޅަމުންދާ ފްލެޓްތަށް - ފޮޓޯ : ސައުދުﷲ ފޭސްބުކް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖޫން 2026، 02:49

07 ޖޫން 2026، 02:49

ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅުގެ ދަށުން، އެ ރަށުގައި އިމާރާތްކުރާ 50 ފްލެޓްގެ އަމަލީ މަސައްކަތް ކުރިއަށްދާކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ޖުމްލަ 60 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި  މަޝްރޫއާ ގުޅޭގޮތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ، މިހާރު ކުރިއަށްދަނީ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަރުހަލާ ކަމަށެވެ. މި މަޝްރޫއަކީ ތިނަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ނިމުމެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ވަރަށް މުހިންމު މަސައްކަތެކެވެ.

މި އަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖީނިއަރިން ޕްރައިވެޓް ލިމިޑެޓާއެވެ. 5 ބުރިއަށް އިމާރާތްކުރާ މި ފްލެޓްތައް ފަރުމާކޮށްފައިވަނީ ކޮންމެ ފަންގިފިލާއެއްގައި 3 ކޮޓަރީގެ 10 އެޕާޓްމެންޓް ހިމެނޭ ގޮތަށެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ އެއް އަހަރާއި ދެ މަސް ދުވަހުގެ މުއްދަތެކެވެ.

"މިސަރުކާރުން ތިނަދޫގައި އަޅަން ހަވާލުކުރި 50 ފްލެޓުގެ މަސައްކަތް ކުރިއަށް އެބަދޭ، ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މި ބަލަނީ. 50 ފްލެޓް 5 ބުރިއަށް އަޅަނީ، މި ތަނުގައި ދެ ލިފްޓު ހުންނާނެ. ލިފްޓު ހަރުކުރުމުން އެއީ ދެން ވަރަށް ބޮޑު ފަސޭހައެއް ރައްޔޔިތުންނަށް ލިބޭނެ." ސައުދުﷲ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ކުރިއެރުމާ ގުޅޭގޮތުން "ފަރުދުން" ނޫހަށް މައުލޫމާތު ދެއްވަމުން މެމްބަރު ސައުދުﷲ ހިލްމީ އިތުރަށް ވިދާޅުވީ، މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ހިނގަމުންދާ ދުވެއްޔަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ތިނަދޫ ސިޓީގެ އާބާދީ އިތުރުވަމުންދާ ދަނޑިވަޅެއްގައި، 60 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ އެ ރަށުގެ ގިނަ އާއިލާތަކަކަށް ބޯހިޔާވަހިކަމުގެ އުއްމީދު އާކޮށްދޭނެ، އަދި ރަށުގެ އިޖުތިމާއީ ފުދުންތެރިކަން އިތުރުކޮށްދޭނެ މަޝްރޫއެކެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހަމއްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތައް ދަނީ އެކި ކަންކޮޅުގައި ފުއްދަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450