ޚަބަރު
މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
އިމިގްރޭޗަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން - ފޮޓޯ : އިމިގްރޭޝަން
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން، މާލޭގެ ހަތަރު ތަނެއް ބަލައިފާސްކޮށް އިތުރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަނަކީ މާލޭގައި ގަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި، ހާއްސަކޮށް ބިދޭސީން އިސްވެ ތިބެ ހިންގާ ޓޭކްއަވޭ ކެފޭތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ރެއިޑް އޮޕަރޭޝަނުގައި މާލޭގެ ހަތަރު ސަރަހައްދެއް ބަލައިފާސްކޮށްފައިވާއިރު، ޖުމްލަ 6 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. އޭގެ ތެރެއިން ރާއްޖޭގައި އުޅުމުގެ ސައްހަ ލިޔެކިޔުން ނެތް އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
Task Force conducted a raid today targeting illegally operated café/takeaways. A total of 6 expatriates were checked across 4 places and 1 expatriate found working illegally was detained.@PoliceMv @HomeMinistrymv pic.twitter.com/qisoonXa6t
— Maldives Immigration (@ImmigrationMV) June 7, 2026
މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މިފަދަ ގިނަ އޮޕަރޭޝަންތަކެއް މާލެއާއި އަތޮޅުތެރޭގައި ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ޚިލާފަށް ދިރިއުޅެ، އުސޫލުތަކާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.
އިމިގްރޭޝަނުން އިތުރަށް ބުނެފައިވަނީ، މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަނެވުނު ގިނަ އަދަދެއްގެ ބިދޭސީން މިހާރުވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާއި އިމިގްރޭޝަން ގުޅިގެން ވަނީ ވަރުގަދަކޮށްފައެވެ. މީގެ ބޭނުމަކީ ދިވެހިންގެ ވަޒީފާގެ ފުރުސަތުތައް ރައްކާތެރިކޮށް، ގައުމުގެ ސަލާމަތާއި އިގްތިސާދަށް ހުރި ނުރައްކާތައް ނައްތާލުމެވެ.