Ads by Farudhun

ޚަބަރު

ރަސްދޫގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކައުންސިލުން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށްފި

ރަސްދޫގެ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކުރުމަށް ކައުންސިލުން ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށްފި

ރަސްދޫ ކައުންސިލުން މިނިސްޓްރީތކާއި ބައްދަލު ކުރުން - ފޮޓޯ : ކައުންސިލު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

07 ޖޫން 2026، 08:40

07 ޖޫން 2026، 08:40

އ.އރަސްދޫގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ މަޝްރޫޢުތައް އަވަސް ފުރުސަތެއްގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ރަސްދޫ ކައުންސިލުން ސަރުކާރުގެ މިނިސްޓްރީތަކާއި ކަމާގުޅޭ ކުންފުނިތަކާ އެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުންތަކަކީ ރަށުގެ ތަރައްޤީއަށްޓަކައި ރޭވިފައިވާ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި ބޭއްވުނު ސިލްސިލާ ބައްދަލުވުންތަކެކެވެ. މިގޮތުން ރަސްދޫ ކައުންސިލް އިމާރާތާއި، ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް އަވަސްކުރުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ކައުންސިލު ރައީސް އަހުމަދު ވަހީދު  ފާހަގަކުރި ގޮތުގައި، އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވާ ބައެއް މަޝްރޫޢުތައް ލަސްވަމުންދަނީ އެ މަސައްކަތްތައް ސަބް-ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވުމުގެ ސަބަބުންނެވެ. އަދި ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތް ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލުން ވަނީ އާރު.ޑީ.ސީގެ މެނޭޖްމަންޓާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން ރަސްދޫ ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު ވިދާޅުވީ، ބައްދަލުވުންތަކުން ވަރަށް އުންމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.

"މި ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ ވަރަށް ޕޮޒިޓީވް ޖަވާބެއް. މި މަސްތެރޭގައި ހިލައާއި އެހެނިހެން ސާމާނު ލިބި، ރޯޑު ކޯޕަރޭޝަންގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ފެށޭ ހަފްތާގެ ތެރޭގައި އެ ކުންފުނީގެ އެމް.ޑީއާ އެކު ޓީމެއް ރަސްދުއަށް އަންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައި،" ވަޙީދު ވިދާޅުވިއެވެ.

ރަސްދޫ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ރަށުގެ ބޭރު ތޮށި ނެތުމުގެ މައްސަލައެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭތީ، އެ މަސައްކަތް ވީ އެންމެ އަވަހަކަށް ކޮށްދިނުމަށް އެމް.ޓީ.ސީ.ސީން މިހާރު ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ރަސްދޫގައި ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާތީ، ރަށުގެ ކުރިމަތީގައި އޮތް ފަޅުން ރަސްދުއަށް ކަނޑައެޅިފައިވާ ބައި ހިއްކޭނެ ތާރީޚެއް ބަލައި، އެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފައެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްދޫގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތުކަން މި ބައްދަލުވުންތަކުން ހާމަވެގެންދިޔަ ކަމަށާއި، މި ބައްދަލުވުންތަކުގެ ނަތީޖާ ވަރަށް އަވަހަށް ރަށުގެ ތަރައްޤީން ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވި މިނިސްޓްރީތަކާއި ކުންފުނިތަކުން ވަނީ ރަސްދޫގެ ތަރައްޤީއަށްޓަކައި ކުރިއަށްދާ މަސައްކަތްތަކުގައި ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ދީފައެވެ. އަދި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފެށުމަށާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަސްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއްވިއެވެ.

ރަސްދޫ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ސަރުކާރާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450