ޚަބަރު
ދަރަނބޫދޫ ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
މެޑަމް ސާޖިދާ މުހައްމަދު - ފޮޓޯ : ރައީސް އޮފީސް
ފ. އަތޮޅުގެ ކުޅިވަރުގެ ވަޞީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދަށުން، ފ. ދަރަނބޫދޫގައި އަލަށް ބިނާކުރި ފުޓްސަލް ދަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
މިއަދު ހަވީރު ދަރަނބޫދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދަނޑު ހުޅުއްވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދަނޑުގެ ވަޞީލަތްތައް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާގެ އިތުރުން ދަރަނބޫދޫ ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު އާދަމް ހިމެނިވަޑައިގަންނަވައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، އައު ދަނޑު ހުޅުވުމުގެ މުނާސަބަތުގައި ބޭއްވުނު ފުރަތަމަ މެޗުވެސް ވަނީ ކުޅެފައެވެ. އެއީ ފ. ނިލަންދޫ އާއި ދަރަނބޫދޫގެ ޢުމުރުން 12 އަހަރުން ދަށުގެ ކުދިންގެ މެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުޅި މެޗު ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރީ ނިލަންދޫ ޓީމުންނެވެ.
މެޗު ނިމުމުން، މެޗުގައި ބައިވެރިވި ދެ ޓީމުގެ ކުޅުންތެރިންނަށް ހަނދާނީ ފިލާ ބައްސަވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
މި ދަތުރުފުޅުގައި އެކަމަނާ ދަރަނބޫދޫއަށް ފައިބައިވަޑައިގަތުމާއެކު، ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް އެއްވެ، އެކަމަނާއަށް އިޙްތިރާމް އަދާކޮށްފައިވެއެވެ. މި ފުޓްސަލް ދަނޑަކީ ދަރަނބޫދޫގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ރަށުގެ ކައުންސިލުން ފާހަގަކުރެއެވެ.