Ads by Farudhun

ޚަބަރު

ކަނޑުގެ ނަފާ އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް: ޝިޔާމް

ކަނޑުގެ ނަފާ އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަކީ ސަރުކާރުގެ މުހިއްމު އަމާޒެއް: ޝިޔާމް

މިނިސްޓަރު ޝިޔާމް - ފޮޓޯ: ފިޝަރީޒް މިނސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

08 ޖޫން 2026، 11:45

08 ޖޫން 2026، 11:45

ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާކަން މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ދެއްވި މެސެޖުގައި، ދިވެހިރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމާއި އާދަކާދަތައް ކަނޑާ ގުޅިފައިވާ މިންވަރު ފާހަގަކުރައްވައި، ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަށް ވުރެ ބޮޑު ސަރަހައްދަކީ ކަނޑުކަމަށްވާއިރު، ރާއްޖޭގެ އިޤްތިޞާދީ ނާރެހަކީ ކަނޑުކަން ބަޔާންކުރެއްވިއެވެ. އަދި ކަނޑާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއްކަމަށް ވިދާޅުވިއެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަހުގެ ޝިއާރު ކަމަށްވާ "REIMAGINE: Beyond the world we know, a new relationship with our ocean" އަށް އަލިއަޅުއްވާލައްވައި މިނިސްޓަރ ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދުނިޔޭގެ އިޤްތިޞާދީ ނާޒުކު ހާލަތުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މިދަނޑިވަޅުގައި، އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަކީ މަޖުބޫރު ކަމެއް ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، 2024 ވަނަ އަހަރު އިންޑިއާ ކަނޑުގެ ޕްރޮޑަކްޓިވިޓީ ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ބޮޑުތަނުން ދަށްވެފައިވާ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްތައް ފުން ހިސާބުތަކަށް ހިޖުރަކުރުމަކީ ދޮށީގެ މަސްވެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއްކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ސިޔާސަތަކީ ދިވެހިން ބާނާ މަހަށް އަގުއެއްކޮށް އެކުއަކަލްޗަރ ފުޅާކޮށް ކަނޑުން ލިބޭ މަންފާ އިތުރުކުރުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ފާއިތުވީ އަހަރު ރާއްޖެއަށް ތަޢާރުފްކުރި ސީވީޑް އެކުއަކަލްޗަރގެ ފުރަތަމަ ޝިޕްމަންޓް މިއަހަރު އެކްސްޕޯރޓްކޮށްފައިވާ ކަމަށާއި، އިތުރު ދެ ކުންފުންޏަކުން މި ސިނާއަތަށް އިންވެސްޓްކޮށްފައިވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާ (FAO) އާއި ޖަޕާނު ސަރުކާރުގެ އެހީގައި އައު މަޝްރޫޢުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝިޔާމްގެ މެސެޖު ނިންމަވާލެއްވީ، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނެވި ގޮތުގައި ބޭނުންކުރުމާއި ދިރާސާތައް ކުރުމުގައި ދިވެހިން އެންމެ ކުރީ ސަފުގައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވަމުންނެވެ. އަދި މިކަމުގައި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު އެންމެހާ ރައްޔިތުންނަށް އެރުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450