ދުނިޔެ

ހެދުން އެޅުމުގެ ގަވާއިދުތަކާ ހިލާފުވެގެން އަންހެނުން ހައްޔަރުކުރުން ހުއްޓާލަން އދ. އިން ތާލިބާނުންނަށް ގޮވާލައިފި

ހެދުން އެޅުމުގެ ގަވާއިދުތަކާ ހިލާފުވެގެން އަންހެނުން ހައްޔަރުކުރުން ހުއްޓާލަން އދ. އިން ތާލިބާނުންނަށް ގޮވާލައިފި

އަފްގާނިސްތާންގެ އަންހެނުން ހެދުްނ އެޅުން ހުއްދަކޮށްފައެިވާ އެއްގޮތް ފޮޓޯ:ގޫގުލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖޫން 2026، 02:40

08 ޖޫން 2026، 02:40

އަފްޣާނިސްތާނުގެ ހުޅަނގުގެ ޕްރޮވިންސެއްގައި "ހެދުން އެޅުމުގެ މިންގަނޑުތަކާ" ހިލާފުވި ކަމަށް ބުނެ އަންހެނުން ހައްޔަރުކޮށް ބަންދުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެންމެންނަށް ހަމަހަމަކަމާއެކު އަމަލުކުރުމަށް އދ. އިން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ގޮވާލައިފިއެވެ.

އަފްޣާނިސްތާނުގައި ހުންނަ އދ. ގެ އެހީދޭ މިޝަން  އިން ބުނި ގޮތުގައި، ހެރާތު ޕްރޮވިންސުން އަންހެނުންތަކެއް ހައްޔަރުކޮށްފައިވަނީ ހެދުން އެޅުމުގެ ގަވާއިދުތަކަށް އަމަލުނުކުރާ ކަމަށް ބުނެއެވެ. އދ. އިން ހައްޔަރުކުރި އަންހެނުންގެ އަދަދު ހާމަކޮށްފައި ނުވިނަމަވެސް، އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް މަދުވެގެން 21 އަންހެނުންނާއި އަންހެން ކުދިން ވަނީ ހައްޔަރުކޮށްފައެވެ.

"ހެދުން އެޅުމުގެ މިންގަނޑުތަކާ ހިލާފުވި ކަމަށް ބުނެ ހެރާތުން އަންހެނުން ހައްޔަރުކޮށް ބަންދުކުރަމުންދާ ދިއުމަކީ އިންސާނީ ހައްގުތަކާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް،" ޔޫއެންއޭއެމްއޭ އިން އާދީއްތަ ދުވަހުގެ ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އދ. އިން އިތުރަށް ބުނެފައިވަނީ، މިނިވަންކަމާއެކު އެއްތަނުން އަނެއްތަނަށް ދިއުމުގެ ހައްގު އެންމެންނަށް އޮންނަންޖެހޭނެ ކަމަށާއި، ގާނޫނުގެ ކުރިމަތީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ފުރުސަތު ލިބެންޖެހޭނެ ކަމަށް ތާލިބާން ސަރުކާރަށް ހަނދާންކޮށްދޭ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރޮއިޓާސް އިން ސުވާލުކުރުމުން ތާލިބާނުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި ހައްޔަރުކުރުންތައް ފަށާފައިވަނީ "ރަނގަޅު ހިޖާބެއް" ނާޅާ އަންހެނުން އާންމު ތަންތަނަށް ނުކުތުން މަނާކޮށް ތާލިބާނުން ނެރުނު އަމުރަކާ ގުޅިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން، މޫނު ފެންނަ ގޮތަށް ހުރުމާއި މޭކަޕް ކުރުމަކީވެސް އަދަބު ލިބޭނެ ކަންކަމެވެ.
2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައި ފަހުން ތާލިބާނުން ވަނީ އަންހެނުންގެ ތައުލީމާއި، ވަޒީފާ އަދި ކުޅިވަރަށް ގިނަ ހުރަސްތަކެއް ކުރިމަތިކޮށްފައެވެ. މިކަމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޔުނިސެފުން މިދިޔަ އޭޕްރީލް މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މި ހުރަސްތައް މިގޮތަށް ދެމިއޮވެއްޖެނަމަ 2030 ވަނަ އަހަރާ ހަމައަށްދާއިރު 25,000 އަށްވުރެ ގިނަ އަންހެން ޓީޗަރުންނާއި ސިއްހީ ހިދުމަތްތެރިން އެ ގައުމަށް ގެއްލިގެންދާނެ ކަމަށެވެ.
ތާލިބާނުން ބުނަމުންދަނީ އެމީހުން އަންހެނުންގެ ހައްގުތަކަށް އިހުތިރާމް ކުރަނީ އިސްލާމީ ޝަރީއަތް އެމީހުން މާނަކުރާ ގޮތުގެ މަތިން ކަމަށެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450