Ads by Farudhun

ޚަބަރު

މިފްކޯއިން މިއަދު ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް

މިފްކޯއިން މިއަދު ކަޅުބިލަމަސް ގަންނަ އަގު 20 ރުފިޔާއަށް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަސްވެރިންނަށް އިނާމު ދެއްވާނީ - ފޮޓޯ : ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖޫން 2026، 10:50

09 ޖޫން 2026، 10:50

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް މިއަދު ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެކުންފުނިން ގެނައި ބަދަލެކެވެ.

މިފްކޯއިން ހާމަކުރި ގޮތުގައި، އެކުންފުނީގެ ހުރިހާ ސެންޓަރުތަކުންނާއި މަސް ގަންނަ ބޯޓުފަހަރުން މިއަދު ކަޅުބިލަމަސް ކިލޯއެއް ގަންނާނީ 20 ރުފިޔާއަށެވެ. މީގެ ކުރިން މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިފްކޯއިން މަސް ކިލޯއެއް ގަންނަމުން އައީ 18.50 ރުފިޔާއަށެވެ.

މަސްގަންނަ އަގުތަކަށް އަންނަ ބަދަލަކީ ބާޒާރުގެ ސަޕްލައި އަދި ޑިމާންޑަށް ބިނާކޮށް ގެންނަ ބަދަލެއް ކަމަށް މިފްކޯއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިފްކޯގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މަސްވެރިންނަށް އެންމެ މަތީ އަގު ފޯރުކޮށްދިނުން ކަމަށްވެސް މިފްކޯއިން ވަނީ ވަިދާޅުވެފައެވެ.

މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި މިފްކޯއިން މިއަދު މަސްގަންނަން ކަނޑައެޅި އަގަކީ، އަމިއްލަ ބައެއް ކުންފުނިތަކުން މަސްގަންނަ އެވްރެޖް އަގަށްވުރެ މަތީ އަގެކެވެ. މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ހުންނަ ކާރުހާނާތަކުގެ އިތުރުން، ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ، ހއ. އިހަވަންދޫ އަދި ފުވައްމުލައް ސިޓީގެ ބަނދަރުތަކުން މިއަދު މި  އަގުގައި މަސް ގަންނަމުންދާނެކަމަށެވެ.



މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި މަހުގެ ކޮލިޓީ ހިފެހެއްޓުމާއި، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން، ވެލިއު އެޑެޑް އުފެއްދުންތައް އުފައްދައިގެން ދުނިޔޭގެ ބާޒާރުގައި ދިވެހި މަހަށް ލިބޭ އާމްދަނީ އިތުރުކުރުން ހިމެނެއެވެ. 

ކަޅުބިލަމަސް ގަންނަ އަގު ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާއިރު، މިއަދު މިފްކޯގެ ހުރިހާ ސެންޓަރުތަކުން މި އަގަށް އަމަލުކުރަމުންދާނެއެވެ.

ކަޅުބިލަމަހުގެ އަގަށް ބަދަލު ގެނައި ނަމަވެސް، ކަންނެލި ގަންނަ އަގުތަކަށް އަދި ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން 10-15 ކިލޯގެ ކަންނެލި ކިލޯއެއް 20 ރުފިޔާއަށް އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަނީ 25 ރުފިޔާއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450