ދުނިޔެ / ޚަބަރު
ވޯލްޑް ކަޕަށް ދިޔަ ސޮމާލިއާ ރެފްރީ އެމެރިކާއަށް އެތެރެނުކޮށް ފޮނުވާލައިފި
އެމެރިކާއަށް އެތެރެނުކުރި ސޮމާލިއާގެ ރެފްރީ---
ވޯލްޑް ކަޕުގެ އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސޮމާލިއާއިން ފުރަތަމަ ފުރުސަތު ލިބުނު އޮމަރު އާރޓަންއަށް އެމެރިކާއަށް އެތެރެވުމުގެ ޙުއްދަ ނުދީ އޭނާ އަނބުރާ ފޮނުވާލައިފިއެވެ.
އެފްރިކާއިން ހޮވާ އެންމެ މޮޅު ރެފްރީގެ މަޤާމު 2025ވަނަ އަހަރު ލިބުނު އާރޓަން އެތެރެވުމަށް ޙުއްދަ ނުދިނީ މަޔާމީ އިންޓަނޭޝަނަލް އެއާރޕޯޓުންނެވެ. މި ދަތުރުގައި އާރޓަން ޑިޕްލޮމެޓިކް ޕާސްޕޯޓު ބޭނުންކޮށްފައިވާއިރު، އެމެރިކާއަށް އެތެރެވުމަށް އޭނާއަށް ޙުއްދަ ނުދިން ސަބަބެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސޮމާލިއާގެ ޕާސްޕޯޓު އޮންނަ ފަރާތްތަކަކީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން އެ ޤައުމަށް އެތެރެވުން މަނާކޮށްފައިވާ ބައެކެވެ.
މިކަމާ ގުޅިގެން ފީފާއިން އެމެރިކާގެ ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްފައިކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެއަށްފަހު އާރޓަންއަށް ވޯލްޑް ކަޕްގައި ހަރަކާތްތެރި ނުވެވޭނެކަން ފީފާއިން ވަނީ ޔަޤީންކޮށްދީފައެވެ.
އެމެރިކާއިން މި ނިންމި ނިންމުމާ ގުޅިގެން މެކްސިކޯ ނޫނީ ކެނެޑާގައި ކުޅޭ މެޗެއްގައި ވެސް އާރޓަންއަށް ރެފްރީއެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ. ސަބަބަކީ ވޯލްޑް ކަޕްގައި ރެފްރީންގެ ގޮތުގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ 52 އޮފިޝަލަކާއި 88 އެސިސްޓެންޓް ރެފްރީންނަށް ރެފްރީންގެ ޗީފް، ޕިއަރލުއިޖީ ކޮލީނާ ހިންގާ ތަމްރީނު ޕްރޮގްރާމެއް އެމެރިކާގައި ބާއްވަން ހަމަޖެހިފައިވުމާއި، އެ ތަމްރީނު ފުރިހަމަ ނުކުރާ ފަރާތަކަށް ވޯލްޑް ކަޕްގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެތީއެވެ.
ސޯމާލިއާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އަރޓާންގެ މައްސަލައިގައި ކަންކަން ހިނގައިދިޔަ ގޮތް އަވަސް ފުރުސަތެއްގައި އޮޅުންފިލުވައިދިނުމަށް އެދިފައެވެ. އަރޓާން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކޮށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި އިންސާފުކުރަމުންނެވެ.