ޚަބަރު
އައްޑޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަން. ފޮޓޯ: ފުލުހުން
އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. ހިތަދޫ ލާމިޔާގެ ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރެފިއެވެ. މިއީ މިފަދަ މައްސަލައެއްގައި އެ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ނެރުނު މި އަމުރުގައިވާ ގޮތުން، 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް އެ ގެ ބަންދުކުރަން ޖެހެއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތްދޭ ތަންތަން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި ކާމިޔާބީއެކެވެ.
ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ޙުއްދަނެތި ވަދެނިކުމެ ހެދުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މިފަދަ އަމުރުތަކުގެ ސަބަބުން މުޖުތަމައުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.