ޚަބަރު
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި
ވޯލްޑްކަޕް ބަލާލަލެވޭ ސަރައްދުތައް - ފޮޓޯ: އެޗްޑީސީ
މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ރާއްޖޭގައި ގަދަވެފައިވާއިރު، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރިގަދަ މާހައުލެއްގައި މެޗުތައް ބަލައިލުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ވަނީ ހުޅުވާލައިފައެވެ.
މި ދެ މުއައްސަސާ ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީންތައް ބަހައްޓާފައިވާއިރު، މި ހުރިހާ ސަރަހައްދަކުންވެސް މުބާރާތުގެ ހުރިހާ މެޗުތަކެއް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވަނީ ފުރަތަމަ ފިޔަވަހީގެ ސެންޓްރަލް ޕާކާއި، ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދުގައެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު މެޗުތައް ބަލައިލުމަށްޓަކައި، ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރީގައިވެސް ވަނީ ބޮޑު ސްކްރީން ބަހައްޓާފައެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު، ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބަލައިލެވޭނެ މަގު ފަހިކޮށްދިނުމެވެ. މި އިންތިޒާމުގެ ސަބަބުން ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ބަޔަކަށް އެއްތަނަކުން ބައްދަލުވެ، އެކުވެރިކަމާއެކު ވޯލްޑް ކަޕްގެ އުފާވެރިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.