ޚަބަރު
ޖަޕާން ސަފީރު ނައިބު ރައީސްގެ އަރިހަށް ޒިޔާރަތްކުރައްވައިފި
ނައިބުރައީސްގެ އަރިއަހަށް ޖަޕާނު ސަފީރު ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރް އެކްސެލެންސީ އިޝިގާމީ ރުމީކޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޖަޕާނުގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެއްބާރުލުން އައު ކުރައްވާފައެވެ. އަދި އަންނަ އަހަރަކީ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާތީ، ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެމުންދާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، އުމްރާނީ ތަރައްޤީ، ތަޢުލީމީ ދާއިރާ، ކުޅިވަރުގެ ދާއިރާ، މޫސުމަށް އަންނަ ބަދަލުތަކަށް ކެތްތެރިވުން، ކާރިސާތަކުން ރައްކާތެރިވުމުގެ މަސައްކަތްތައް އަދި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ޖަޕާނުން ދޭ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވަމުންދާކަން ފާހަގަކުރައްވައި، ފަތުރުވެރިކަމާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.
ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ބޭފުޅުންވެސް ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.