ޚަބަރު
ފުލުހަކު ހިމެނޭހެން މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން ހަތަރު މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައިގައި ހިންނަވަރުން ހައްޔަރުކުރި މީހުން---
ފުލުހަކު ހިމެނޭހެން މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 9ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ނައިފަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އެ މީހުން ގެއެއްގެ ތެރޭގައި ތިއްބައެވެ. ބަލާފާސްކުރުމުގެ ތެރެއިން އެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު މީހުންނެވެ. އެއީ ކަރެޝްމާ / ޢަބްދުލްމަޖީދު ރަޝާދު (35އ) އާއި ސަރަހަ / މުޙައްމަދު ސައްޖާދު ޢަލީ (34އ) އާއި ދިލްޝާދު / އާދަމް އަލްމާސް މުޙައްމަދު (24އ) އާއި ދުވާފަރު / ޢަހުދު އިބްރާހީމް (34އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުލުސް އޮފީހުގައި މަސައްކަތް ކުރަމުންދާ ޢަހުދު އިބްރާހިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަދި އަނެއް ތިންމީހުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.