Ads by Farudhun

ޚަބަރު

ޚާރިޖީ ވަޒީރު ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ޚާރިޖީ ވަޒީރު ޔުނާން ޕްރޮވިންސްގެ ގަވަރުނަރާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ޚާރިޖީ ވަޒީރު އިރްތިޝާމް ޔުނާންގެ ގަވަރުނަރާއި ބައްދަލުކުރައްވައިފި. ފޮޓޯ: ޚާރިޖީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖޫން 2026، 03:39

12 ޖޫން 2026، 03:39

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވާންގ ޔޫބޯއާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ 7 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމް އަދި 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތަށްޓަކައި ގަވަރުނަރު ވާންގ ޔޫބޯއަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ވަޒީރު ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކުރައްވަމުން، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައެވެ. މިގޮތުން ޔުނާން ޕްރޮވިންސުން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދަވާ އެހީތެރިކަމަށް، ވަކިން ޚާއްޞަކޮށް ތަޢުލީމީ ދާއިރާއާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޔުނާން ޕްރޮވިންސާ ދެމެދު އޮންނަ ގުޅުން ކުރިމަގުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު މި ބައްދަލުކުރެއްވުމުގައި ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450