ޚަބަރު
ފީއަލީގައި އެމްޑީޕީ އިންތިޚާބު: ވޯޓު ފޮށި ހިފައިގެން ފިލައިފި
ފީއަލީގައި ވޯޓު ލުމަށް ބޭނުްނ ކުރި ވޯޓު ފޮށި. ފޮޓޯ: ފީއަލީ ޒުވާނެއް
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މީހަކު ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ފ. ފީއަލީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ބަޔަކު ހިފައިގެން ފިލައިފިއެވެ.
މި ކަންތައް ހިނގާފައިވަނީ ވޯޓުލުމުގެ އިންތިޒާމުތަކާ މެދު ހިތްހަމަނުޖެހުން އުފެދި ހަމަނުޖެހުންތަކެއް ހިނގަމުންދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފީއަލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޤަވާއިދާ ޚިލާފަށެވެ. އެގޮތުން ވޯޓުލުމަށް ބޭނުންކުރި ލިސްޓަކީ ޕާޓީގެ އޮފީހުން ރަސްމީކޮށް ފޮނުވި ލިސްޓެއް ނޫން ކަމަށާއި، އެ ލިސްޓުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ވާދަކުރާ މީކާއިލް ނަސީމްގެ ސަޕޯޓަރުންގެ ނަންތައް އުނިކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.
މި މައްސަލަ ހައްލުކޮށް ވޯޓުލުން ފެށިގެން ކުރިއަށްދަނިކޮށް، ވޯޓު ފޮށި ހިފައިގެން ފިލާފައިވަނީ މީކާއިލް ނަސީމަށް ތާއީދުކުރާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ފަހުން ފުލުހުންގެ ބެލުމުގެ ދަށުން އެ ވޯޓު ފޮށި ވަނީ އެ ރަށުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ގެންގޮސްފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީކާއިލްގެ ސަޕޯޓަރުންނަށް އެ ހައްޤު ބޭނުންކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ގދ. ފިޔޯރީގައިވެސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ، އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އައްޑޫއަތޮޅު ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާޗަންގެ ވޯޓުލުން ކުރިއަށްދާއިރު މި ފެންނަމުންދަނީ ވަރަށް ހުތުރު މަންޒަރެއް ކަމަށެވެ.