ޚަބަރު
އެމްޑީޕީ އިންތިޚާބުގައި ފިޔޯރީގައި ވޯޓުލަމުންދިޔަ ފޮށި ފަޅާލައިފި
ފިޔޯރީގައި ފަޅާލި ވޯޓުފޮށި. ފޮޓޯ: ފިޔޯރީ ޒުވާނެއް
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ގދ. ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ވޯޓުލުން ކުރިއަށްގެންދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ ސަރަހައްދުގައި ތިބި ބަޔަކު އިހުތިޖާޖު ކުރުމުގެ ތެރެއިންނެވެ.
މި އިންތިޚާބުގައި ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މީކާއިލް ނަސީމެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ވޯޓުލުން ކުރިއަށް ދިޔަ ވަގުތު މީކާއިލް ނަސީމަށް ތާއީދުކުރާ ފަރާތްތަކަށް ވޯޓު ދިނުމަށް ހުރަސްތަކެއް ކުރިމަތިކުރުވާފައިވެއެވެ. މީގެ އިތުރުން، ވޯޓުލާ މަރުކަޒަށް ވަންނަ އޮފިޝަލުންގެ ކާޑު ދޫކުރުމުގައި އިންސާފުން ބޭރުން އަމަލުކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.
މި ހަމަނުޖެހުންތަކުގެ އަސްލަކީ ދާދިފަހުން އެމްޑީޕީއާ ގުޅުނު، ކުރިން ޕީއެންސީގެ އިސް މަގާމެއްގައި ހުރި ބޭފުޅެއްގެ އަމަލުތައް ކަމަށް މަސްދަރުތަކުން ތުހުމަތު ކުރެއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މަސްލަހަތު ގެއްލި، އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ވެސް ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވޯޓު ފޮށި ފަޅާލި އިރު އެ ފޮށްޓަށް ވޯޓު ލެވިފައިވަނީ އެންމެ 18 މީހުންނަށެވެ. ނަމަވެސް، މެދުކަނޑާލުމަކަށް ފަހު އަލުން ވޯޓުލުން ފަށާފައިވާ އިރު، އަދިވެސް ބޭނުން ކުރަމުންދަނީ ފަޅާލާފައިވާ އެ ފޮށި ކަމަށް މައުލޫމާތު ލިބެއެވެ.
ފިޔޯރީގެ އިތުރުން، ފ. ފީއަލީގައި ވެސް އިންތިޚާބުގެ މަސްލަހަތު ގެއްލި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ. އެ ރަށުގައި ބަޔަކު ވަނީ ވޯޓު ފޮށި ހިފައިގެން ފިލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.