ޚަބަރު
ތަފާތުބޮޑު ނަތީޖާއަކުން އެމްޑީޕީގެ ޗެއަރޕާސަންކަން ރައީސް ނަޝީދު ކާމިޔާބު ކުރައްވައިފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ޖޫން 12، 2026 ގައި ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ގިނަ ވޯޓު ފޮށިތަކުން ރައީސް ނަޝީދު ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް އަޙުމަދު ނަސީމެވެ. ނަތީޖާ ލިބުނު ބައެއް ފޮށިތަކުން ރައީސް ނަޝީދު ސަތޭކަ އިންސައްތަ ވޯޓު ހޯއްދަވާފައިވާއިރު، މީކާއީލް ނަސީމަށް ބައެއް މަދު ފޮށިތަކުން ކުރި ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 50,176 މީހުންނަށް ލިބިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކާއި ސްރީލަންކާ ހިމެނޭހެން ޖުމްލަ 241 ވޯޓު މަރުކަޒު ޤާއިމްކުރެވުނެވެ.
ވޯޓުލުން ކުރިއަށްދިޔަ ވަގުތު ބައެއް ރަށްރަށުގައި މަސްލަޙަތު ގެއްލޭ ފަދަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. އެގޮތުން އެއް ރަށެއްގައި ވޯޓު ފޮށި ފަޅާލާފައިވާއިރު، އަނެއް ރަށެއްގައި ވޯޓު ފޮށި ހިފައިގެން މީހަކު ފިލާފައިވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިފަދަ ހާދިސާތަކާ ގުޅިގެން ބައެއް މަރުކަޒުތަކުގައި ވޯޓުލުމުގެ ވަގުތު އިތުރުކުރަން ޖެހުނެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުގެ އެންމެ އިސް މެންބަރު އަދި ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވަނީ މިހާރު ކާމިޔާބީ އިޢުލާން ކުރައްވާފައެވެ. ފައްޔާޒް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، "މަރުޙަބާ ރައީސް ނަޝީދު. މަރުޙަބާ އެމްޑީޕީ މެންބަރުން. މާތް ﷲ ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ކާމިޔާބަށް ވާސިލުވެވިއްޖެ" ކަމަށެވެ. އަދި މި ކުރު މުއްދަތުގެ ތެރޭގައި މުޅި ރާއްޖޭގައި "ރީނދޫ ލަޝްކަރު" ރުކުރުވާލެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން މިއަދު ސާބިތުކޮށްދީފި ކަމަށެވެ. އަދި ރައީސް ނަޝީދަށް ދިން ވޯޓާއެކު ރާއްޖެއަށް "ބޮޑު ބަދަލު" ގެނައުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، ދެން އޮތީ އެންމެން އެކުގައި ނުކުމެ މި ސަރުކާރު ބަލިކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވާދަވެރި ކެންޑިޑޭޓް މީކާއީލް ނަސީމާއި އޭނާގެ ޓީމުން ދެއްކި ހިތްވަރަށް ފައްޔާޒް ވަނީ ސާބަސް ދެއްވާފައެވެ.