Ads by Farudhun

ޚަބަރު

ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވެންޓުންނަށް: ޑރ. ޝަފީޢު

ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވެންޓުންނަށް:  ޑރ. ޝަފީޢު

މިނިސްޓަރު ޑރ ޝަފީއު - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

13 ޖޫން 2026، 12:18

13 ޖޫން 2026، 12:18

ދިވެހިރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތް ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލަނީ ސިވިލް ސާވެންޓުން ކަމަށެވެ. އަދި މި މަސައްކަތުގައި މުވައްޒަފުންގެ އަޚްލާޤާއި އަމާނާތްތެރިކަން ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު ވަނީ އަލިއަޅުވާލައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ސިވިލް ސާވިސްގައި ކޮންޓްރެކްޓް މުވައްޒަފުންނާއެކު ގާތްގަނޑަކަށް 35،000 މުވައްޒަފުން މަސައްކަތް ކުރެއެވެ. މިއީ އާބާދީގެ ކޮންމެ 15 މީހަކަށް ސިވިލް ސާވިސްގެ މުވައްޒަފަކު ހުރި މިންވަރެއްކަން ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން އެ މުވައްޒަފުންނަށް ބޮޑު ހޭދައެއް ކުރާކަންވެސް ވަޒީރު ވިދާޅުވިއެވެ.

ރައްޔިތުން އަބަދުވެސް އުއްމީދު ކުރަނީ ސަރުކާރުގެ އިދާރާތަކުން ހަލުވި އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ލިބުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިދާރާތަކުން ދޭ ޚިދުމަތްތައް ލަސްވާނަމަ، އެ ތަނަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވެގެންދާނެ. މިކަން ޙައްލުކުރެވޭނީ މުވައްޒަފުން މަސައްކަތަށް ފަރުވާތެރިވެ، ގަވާއިދުން އޮފީހަށް ނިކުމެގެން،" ޑރ. ޝަފީޢު ވިދާޅުވިއެވެ.

ކޮރަޕްޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮރަޕްޝަނަށް މަގުފަހިވަނީ އިދާރީ ގޮތުން ހިންގާ ކޮރަޕްޝަންގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ސިވިލް ސާވެންޓުން ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކޮށް، އިދާރީ ކޮރަޕްޝަން ނައްތާލައިފިނަމަ، ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާ އަދި ރައްޔިތުން ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދޭ ތަންތަނަށް ސަރުކާރުގެ އޮފީސްތައް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހަރުދަނާ ނިޒާމެއް ބިނާކުރުމަށް "މޯލްޑިވްސް 2.0" ގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ގެނެވޭ ބަދަލުތައް މިއަހަރުގެ ފަހުކޮޅުން ފެށިގެން ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ހަރުދަނާ ޚިދުމަތުގެ ނިޒާމެއް ބިނާކުރުމަށް ހުރިހާ ސިވިލް ސާވެންޓުން އަޒުމު ކަނޑައެޅުމަށް ގޮވާލައްވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450