ޚަބަރު
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް
އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އިޢުލާން ކުރުމުން އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ދަފްތަރު ނަންބަރު ރސ. 13449، މުޙައްމަދު ޝަކީލް އެ މަޤާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. ޝަކީލްގެ ނަންފުޅާ އެކު، އެ މަޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ބޭފުޅުންގެ ނަންތައްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުންނާއި މެންބަރުގެ މަޤާމުން މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަންގައި މިވަގުތު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ޙަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް އަދި އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އެވެ.
ކޮމިޝަނަށް ފަސްވަނަ މެންބަރަކު އައްޔަންކުރުމުން، ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ކޮމިޝަންގެ ރައީސަކު އައްޔަންކުރެވޭނެއެވެ. ޝަކީލްގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ. މަޖިލީހުގެ ރައީސްގެ މަޤާމުގައި މިހާރު ހުންނެވީ ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.