ރިޕޯޓް

ދިވެހި ޒުވާނުންގެ އުންމީދު: ޕޭޕަލްގެ ޚިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އާ އާރޯކަމެއް

ދިވެހި ޒުވާނުންގެ އުންމީދު: ޕޭޕަލްގެ ޚިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އާ އާރޯކަމެއް

ފޮޓޯ: ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ޖޫން 2026، 02:52

15 ޖޫން 2026، 02:52

ދިވެހިރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި ޖޫން މަހުގެ 15 ވަނަ ދުވަހަކީ ރަން އަކުރުން ފަވާލެވޭނެ، ވަރަށްވެސް ތާރީޚީ އަދި އުފާވެރި ދުވަހެކެވެ. މިއަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރެއްވި ނުހަނު ބުރަ، އިޚްލާޞްތެރި އަދި ހިކުމަތްތެރި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިން އެތައް އަހަރަކަށް ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައި ދުވަހެވެ. ބައިނަލްއަޤްވާމީ ފައިސާ ދައްކާ ނިޒާމުތަކުގެ ތެރެއިން ދިވެހިން އެންމެ ބޮޑަށް ބޭނުންވި 'ޕޭޕަލް' ގެ ޚިދުމަތް ރާއްޖެއާ ހަމައަށް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތް މިވަނީ ކާމިޔާބުކަމާއެކު ނިންމަވާލައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދު ޒަމާނީ ޑިޖިޓަލް މިޞްރާބަކަށް އަނބުރާލުމަކީ ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ އެންމެ މުހިންމު އެއް ތަނބެވެ. މި ތަޞައްވުރުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭތައް ރާއްޖެއަށް ތަޢާރަފްކޮށް، ދިވެހި ކްރިއޭޓަރުންނާއި، ފްރީލާންސަރުންނާއި، އަދި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިއަދު ފެންނަމުންދާ މި ކާމިޔާބީއަކީ އެ ތަޞައްވުރުގެ ހަޤީޤީ ކުލަވަރެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ، ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މާކެޓުން އާމްދަނީ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމެވެ. މީގެ ކުރީގެ ސަރުކާރުތަކުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުގެ ސަބަބުން، ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ހުރި ރެގިއުލޭޓަރީ އަދި ޓެކްނިކަލް ހުރަސްތައް އޮތީ ބޮޑު ގޮންޖެހުމަކަށް ވެފައެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި މި ހުރަސްތައް ނައްތާލުމަށް އަމަލީ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ އޮގަސްޓް މަހު ޕޭޕަލް ކުންފުންޏަށް ރަސްމީކޮށް ޕްރޮޕޯޒަލްއެއް ހުށަހަޅައި، މިކަމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު ވަނީ އަލުން ތަރުތީބުކޮށްފައެވެ.

ޕޭޕަލް ރާއްޖެއަށް ގެނައުމަށްޓަކައި ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ ފަދަ ވަރުގަދަ މަސައްކަތްތަކެކެވެ. ސެޕްޓެމްބަރު 2024 ގައި އދ. ގެ އާންމު މަޖިލީހުގެ ތެރެއިން ރައީސް މުޢިއްޒު، ޔޫއެސްއެއިޑް  ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވަރާއާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަކީ މި ދަތުރުގެ ވަރަށް މުހިންމު ބަޔެކެވެ. ހަމައެއާއެކު، އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު އެމެރިކާގެ ވޮޝިންގްޓަނަށް ޒިޔާރަތްކުރައްވައި، ޕޭޕަލްގެ ގްލޯބަލް މާކެޓިންގ ރައީސާ ސޫޒަން ކެރީރޭއާ ބައްދަލުކުރައްވައި ކުރިއަށް ގެންދެވި ފަންނީ މަޝްވަރާތަކުން ކަށަވަރުވެގެންދިޔައީ ރާއްޖޭގެ މާލީ ނިޒާމަށް ބައިނަލްއަޤްވާމީ އިތުބާރު އޮތް މިންވަރެވެ.

މި ބުރަ މަސައްކަތްތަކުގެ މޭވާއެއްގެ ގޮތުން، ގަތަރުގެ އޫރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ރާއްޖޭގައި ޚިދުމަތް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ. މި ޚިދުމަތް ރަސްމީކޮށް ފަށަން ހަމަޖެހިފައިވަނީ އޫރީދޫ 'އެމް-ފައިސާ' މެދުވެރިކޮށެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމީ ހަފްލާއަކާއިއެކު މިއަދު މިވަނީ މި ހިދުމަތްތަށް ފަށާފައެވެ. 

އޫރީދޫ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޚިދުމަތް ދެމުން އައި ނަމަވެސް، މީގެ ކުރިން މިފަދަ ބޮޑު ކާމިޔާބީއެއް ނުހޯދި އޮތީ ދައުލަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ޓެކްނިކަލް އަދި ޤާނޫނީ ތައްޔާރީތައް ފުރިހަމަވެފައި ނެތުމުންނެވެ. މި ސަރުކާރުން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި މި ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށް، ދިވެހިންނަށް މި ފުރުޞަތު ހުޅުވާލަދީފައެވެ.

މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް ގުނާލެވޭ ވަރަށްވުރެ ގިނައެވެ. އެންމެ ފުރަތަމަ ކަމަކަށް، ދިވެހި ކަސްޓަމަރުންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ޕޭޕަލް މާޗަންޓަކުން މުދާ ގަނެވޭނެ ފަސޭހަ މަގު ތަނަވަސްވުމެވެ. ދެވަނަ ކަމަކަށް، ޕޭޕަލް އެކައުންޓާއި އެމް-ފައިސާ އެކައުންޓާ ދެމެދު ފަސޭހަކަމާއެކު ފައިސާ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމުވުމެވެ. އަދި އެންމެ މުހިންމު ކަމަކީ، ދިވެހި ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންނަށް ޚިދުމަތް ވިއްކައި، އެ ފަރާތްތަކުން ލިބޭ އާމްދަނީ އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ގެނައުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. މިއީ ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަން ދުނިޔޭގެ ފެންވަރުގައި ވިއްކުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.

ޕޭޕަލް ރާއްޖެއަށް ތަޢާރަފްވުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާދު ކުރުމަށް އެޅޭ ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. މިއީ "ދިވެހި އުފެއްދުންތެރިކަމުގެ އަހަރު" ކާމިޔާބުކުރުމަށާއި، ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. އޫރީދޫ މެދުވެރިކޮށް މި ޚިދުމަތް ފެށުމުން، ދިވެހިރާއްޖެ ވެގެންދާނީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްފައިވާ، ކުރިއަރަމުން އަންނަ ބާރުވެރި ޤައުމަކަށެވެ. މިއަދު މި ދެކޭ ހުވަފެނަކީ ރައީސް މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ ވަރުގަދަ ޢަޒުމުގެ ސަބަބުން ހަޤީޤަތަކަށް ވެފައިވާ އުންމީދެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450