ޚަބަރު
މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރ މެޝިން ބޭނުންކުރަން ފަށައިފި
ބެގޭޖު ސްކޭނަރ މެޝިން / ފޮޓޯ: އެމްސީއެސް
މާފުށީ ޖަލަށް އެތެރެކުރާ ތަކެތި ބަލައި ފާސްކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، އެ ޖަލުގައި އަލަށް ބަހައްޓާފައިވާ ބެގޭޖް ސްކްރީނިންގ މެޝިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މާފުށީ ޖަލުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މެޝިން އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ. މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ މާފުށީ ޖަލުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި މެޝިނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ފަރާތުން ހަދިޔާކުރި މެޝިނެކެވެ. މިއީ މާފުށީ ޖަލުގެ ތާރީޚުގައިވެސް މިފަދަ ޒަމާނީ ބެގޭޖް ސްކްރީނިންގ މެޝިނެއް އެ ޖަލުގައި ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި މެޝިން ބޭނުންކޮށްގެން ތަކެތި ސްކޭން ކުރުމުގެ ފަންނީ ތަމްރީންތައް އެމް.އޭ.ސީ.އެލްގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާއިރު، ބެގޭޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ޖަލުގެ އޮފިސަރުންނަށް ފޯރުކޮށްދީފައެވެ.
މި މެޝިން ބޭނުންކުރަން ފެށުމާއެކު، ޖަލަށް އަލަށް ގެނެވޭ ޤައިދީންނާއި ބަންދުމީހުންގެ ތަކެތީގެ އިތުރުން، ޢާއިލާތަކުން ޤައިދީންނަށް ފޮނުވާ ތަކެތި މި މެޝިން މެދުވެރިކޮށް ސްކްރީން ކުރެވޭނެއެވެ. އަދި މީގެ އިތުރުން ޢާއިލީ ބައްދަލުވުންތަކަށާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ހިފައިގެން އަންނަ ތަކެތިވެސް ދެން ބަލައި ފާސްކުރަމުންދާނީ މި މެޝިންގެ އެހީގައެވެ.
މި އާ ނިޒާމުގެ ސަބަބުން ޖަލަށް މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށާއި، ޖަލުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތު ދެއެވެ.