ޚަބަރު
ބޯހިޔާވަހިކަން ޕޯޓަލްގެ މައްސަލަ ހައްލުކޮށް، ފޯމު ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
ހުޅުމާލެ ފްލެޓް - ފޮޓޯ: ހައުސިންގ މިނިސޓްރީ
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ބޭނުންކުރާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކޮށް، އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯމު ހުށަހެޅުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑުނު ނަމަވެސް، މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން އެ މައްސަލަ މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ.
ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން" ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައެވެ.
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) June 15, 2026
އަދި މި މައްސަލައާއި ގުޅިގެން މި ސްކީމްތަކަށް… pic.twitter.com/MFf34Wj2rN
ޕޯޓަލްއަށް މައްސަލަ ދިމާވުމުގެ ސަބަބުން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން، އެ ފުރުޞަތު ގެއްލުނު ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެޕްލިކޭޝަން ހުށަހެޅުމަށް ކުރިން ކަނޑައަޅާފައިވާ ވަގުތު މިހާރު ވަނީ މިރޭ ދަންވަރު 2:00 އަށް އިތުރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ. މި ސިޔާސަތުގެ ދަށުން ގިނަ އަދަދެއްގެ ރައްޔިތުން ގޯއްޗާއި ފްލެޓަށް ކުރިމަތިލަމުންދާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، ހައްގުވެރި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.