ޚަބަރު
ރާއްޖޭގައި ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޑިޖިޓަލް ދަފްތަރެއް ތަޢާރަފްކުރަނީ
ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ޖަލްސާ
މިއަހަރުގެ ތެރޭގައި ލޭ ހަދުޔާކުރާ ފަރާތްތަކުގެ ހާއްސަ ޑިޖިޓަލް ދަފްތަރެއް ތައާރަފު ކުރާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ލޭޔަދިޔާކުރާ މީހުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވަނީ އެފަދަ ނިޒާމެއް ގާއިމުކުރުމުގެ ސަބަބުން ލޭ ހޯދުމަށް ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާ ކުރައްވާ ދީލަތި ފަރާތްތަކަށް ނުހަނު ބޮޑު ލުއިފަސޭހަތަކެއް ފަހވެގެންދާނެކަން ފާހަގަ ކުރައްވާފައެވެ. އަދި ހަމައެހެންމެ، ހިދުމަތްތައް ޑިޖިޓަލްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ވަންގަވް ޕޯޓަލް މެދުވެރިކޮށް ތެލަސީމިއާ ކުދިންގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ ނިޒާމް މިހާރު ވަނީ ގާއިމް ކޮށްފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ލޭ ހަދިޔާކުރާ ފަރާތްތަކުގެ މުހިންމުކަން ފާހަގަކުރައްވާ، އެމީހުން ހަދިޔާކުރައްވަ ކޮންމެ ލޭތިއްކަކީ އަގުނުކުރެވޭފަދަ މުހިންމު އެއްޗެއްކަން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ. އަދި އެކި ކަންކަމުގައި ލޭ ބޭނުންވާފަރާތްތަކަށް ލޭ ހަދިޔާކުރުމަކީ ހާއްސަ ސަމާލުކަމެއް ދޭންޖޭހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި އިތުރަށް ވާހަކަދައްކަވަމުން އޭނަ ވަނީ މި އަހަރުގެ ފެބްރުވަރީ މަހު ޑީއެންއޭ ލެބޯޓްރީގެ މަސައްކަތް ފެށި، ހުކުރު ދުވަސްތަކުގައި ވެސް ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ހިދުމަތް ދޭން ފެށުމަކީ ތެލަސީމިއާ ސެންޓަރުގެ 35 އަހަރުގެ ދިގު ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބީއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރަކު ވެސް މީހުން ހޭލުންތެރިކުރުމުގެ ގޮތުން ދުނިޔޭގެ ލޭހދިޔާކުރާ މީހުންގެ ދުވަސް ފާހަގަ ކުރެވެމުންދާއިރު، ތެލެސީމިޔާ ބަލި ހުންނަ ފަރާތްތަކާއި އެހެނިހެން ގޮތްގޮތުން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެކަން ހަމަޖެހިގެންދާނެ އިތުބާރުހުރު ނިޒާމެއް ބިނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ހައްސަ އިސްކަމެއް ދެއްވާ ކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.