ޚަބަރު
އީރާނާއި އެމެރިކާއާއި ދެމެދު ވެވުނު ޞުލްޙައިގެ އެއްބަސްވުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި
އީރާނާއި އެމެރިކާގެ ދިދަ.
އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ޤައުމުން އެއްބަސްވުމަކަށް އައިސްފައިވާތީ، އެ ނިންމުމަށް ދިވެހި ސަރުކާރުން މަރުޚަބާ ވިދާޅުވެއްޖެއެވެ.
މި އެއްބަސްވުމުގެ ދަށުން ލުބުނާނު ހިމެނޭހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށްދާ އަސްކަރީ ހަރަކާތްތައް ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި އެއްބަސްވުމާއެކު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމުމަކީ ރާއްޖެއިން އުފާކުރާ ކަމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަވެ، އެ ސަރަޙައްދަށާއި މުޅި ދުނިޔެއަށްވެސް ސުލްހަ އާއި އަމާންކަން ލިބިގެންދާނެ ކަމަށް ރާއްޖެއިން ޤަބޫލުކުރެއެވެ.
އެމެރިކާ އާއި އީރާނުގެ ޚިޔާލުތަފާތުވުންތައް ހައްލުކުރުމުގައި މަޝްވަރާ އާއި ޑިޕްލޮމަސީގެ މަގު ޚިޔާރުކުރުމުގައި އެ ދެ ޤައުމުން އަދާކުރި ދައުރު ދިވެހި ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން، މި މަޝްވަރާތަކަށް މަގުފަހިކޮށްދިނުމުގައި ޕާކިސްތާނާއި، ގަތަރާއި، ގަލްފްގެ އެހެން ޤައުމުތަކުން އަދާކުރި ހައްސާސް ދައުރަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި އަލިއަޅުވާލައްވާފައިވެއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ކުރިއަށްގެންދާ މިފަދަ މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، ދެމިގެންވާ ސުލްހަ މަސަލަސްކަމާއި އިޤްތިޞާދީ ކުރިއެރުމަށް ރާއްޖެއިން އަބަދުވެސް ވާގިވެރިވާނެ ކަމަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު މި ތާރީޚީ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހުކުރު ދުވަހުއެވެ. މި އެއްބަސްވުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން ސިފަކުރެއެވެ.