Ads by Farudhun

ޚަބަރު

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް މެމްބަރު ހުސައިން ޝަރީފް އައްޔަނުކުރައްވައިފި

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް މެމްބަރު ހުސައިން ޝަރީފް އައްޔަނުކުރައްވައިފި

މެމްބަރު ހުސެއިން ޝަރީފް. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ޖޫން 2026، 12:34

16 ޖޫން 2026، 12:34

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް، ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ހަމަޖައްސަވައިފިއެވެ.

މި މަޤާމަށް މެމްބަރު ހުސައިން ޝަރީފް އައްޔަނުކުރައްވާފައި ވަނީ ހޯމަ ދުވަހު ބޭއްވުނު އެ ކޮމިޓީގެ 2026 ވަނަ އަހަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުގެ މަޤާމު ހުސްވެފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް އެ ކޮމިޓީއަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ކޮމިޓީގެ މުޤައްރިރު ހޮވުމަށް ބޭއްވި ބައްދަލުވުމުގައި ހުސައިން ޝަރީފްގެ ނަން ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ.

ޖުމްލަ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ މުޤައްރިރުކަމަށް ހުސައިން ޝަރީފް އިންތިޚާބުވެވަޑައިގަތީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވި 10 މެމްބަރުންގެ އިއްތިފާޤުންނެވެ. މި ބައްދަލުވުމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް ފިޔަވައި ކޮމިޓީގެ އެހެން ހުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމިޓީގެ މުޤައްރިރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މެމްބަރު ހުސައިން ޝަރީފް ވިދާޅުވީ، ސަރުކާރުން އެންމެ މުހިންމު އިސްކަމެއްދޭ އެއް ކަމަކީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ތަސައްވުރު ކަމަށެވެ. އަދި އޭނާގެ މުޤައްރިރުކަމުގައި ކޮމިޓީއަށް ހުށަހެޅޭ މައްސަލަތައް، ޚާއްޞަކޮށް ސަރުކާރުން ހުށަހަޅާފައިވާ ގެދޮރުވެރިކަމާބެހޭ ޤާނޫނުގެ މަސައްކަތްތައް އަވަސްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ބޯހިޔާވަހިކަމާ ގުޅޭ ޤާނޫނީ ސިޔާސަތުތައް ދިރާސާކުރުމާއި، ސަރުކާރުން ހިންގާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މޮނިޓަރ ކުރުމުގެ މުހިންމު ޒިންމާތަކެއް އުފުލާ ކޮމިޓީއެކެވެ. މީގެ އިތުރުން ހިޔާވަހިކަމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދޭކަން ކަށަވަރުކުރުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450