ޚަބަރު
އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަށް ސީޕީ ޒަރީރު ބޭނުންވޭ
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު / ފޮޓޯ: އެމްސީއެސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން ކުރިއަށްގެންދިޔަ އެކި ކޯސްތައް ފުރިހަމަކުރި ޤައިދީންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ޒަރީރު ވިދާޅުވީ، ޖަލުތަކުގެ ހިންގުމާއި ސެކިއުރިޓީ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރުން ވަރަށް ބުރަ އަދި ހީވާގިކަމާއެކު މި މަސައްކަތްތަކުގައި ދެމިތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.
ސެޓްފިކެޓް ހާޞިލްކުރި ޤައިދީންނާ މުޙާތަބްކުރައްވާ ކޮމިޝަނަރ ވިދާޅުވީ، މީހަކު ޖަލަށްލުމަކީ އެމީހެއްގެ މުޅި އުމުރު ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އަދި އަޒުމާއި ހިތްވަރާއެކު ޤައިދީން އިސްނަގައިގެން ތައުލީމީ ކޯސްތަކުގައި ބައިވެރިވެ، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހަރުދަނާ ބަޔަކަށް ވުމަށް މަސައްކަތްކުރާތީ އެކަމާ އުފާކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން، އައިކޯސްޓްގެ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުދައްރިބުން ކުރައްވާ މަސައްކަތަށް ސީޕީ ޝުކުރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުސްތަޤްބަލުގައި އޮފިސަރުންނާއި ޤައިދީންނަށް ޑިގްރީ ފެންވަރުގެ ކޯސްތައް ހިންގުމަކީ އެ މުއައްސަސާއިން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެކެވެ.
ސީޕީ ޒަރީރުގެ ވާހަކަފުޅު ނިންމަވާލެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން، ޖަލުތަކުގެ ކަންކަން އިޞްލާޙްކުރުމަށާއި އެމްސީއެސްއަށް ވެދެއްވާ އެހީތެރިކަމާއި ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފްކުރައްވަމުންނެވެ.