ޚަބަރު
ތަފާސްހިސާބުތަކުން ދައްކާގޮތުން މިޤައުމު ލޫޓުވާފައިވަނީ އެމްޑީޕީ އިން: އެމްޕީ ޝުޖާ
ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު. ފޮޓޯ: ޕީއެންސީ
ތަފާސްހިސާބުތަކަށް ބަލާއިރު ދިވެހިރާއްޖެ ލޫޓުވާލާފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ ލޯނު ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެމްޑީޕީގެ ސަރުކާރުތަކުން ނެގި ލޯނުތަކުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ނުވަތަ ޤައުމުގެ އިޤްތިޞާދަށް ވީ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
"މީގެން ދޭހަމިކޮށްދެނީ އެމްޑީޕީ އަށް ވެރިކަންކުރަން ނޭނގޭކަން. އެކަން ދަސްކުރަން ވެއްޖެކަން،" ޝުޖާއު ވިދާޅުވިއެވެ. އަދި ކޮންމެ ފަހަރަކު ޕީޕީއެމް/ޕީއެންސީން ވެރިކަމާ ހަވާލުވާން މިޖެހެނީ އެމްޑީޕީން ހާވާފައި އޮންނަ ހަޑި ސާފުކުރަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދަރަނި ދެއްކުމުގެ ތަފާސްހިސާބުތައް
ދަރަނި ދެއްކުމާ ގުޅޭގޮތުން ޝުޖާއު ހިއްސާކުރެއްވި ހިސާބުތަކަށް ބަލާއިރު، ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދައްކާފައިވަނީ 191.25 މިލިއަން ޑޮލަރެވެ. ރައީސް ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި 428.68 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މި ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 1.2 ބިލިއަން ޑޮލަރު ވަނީ ދައްކާފައެވެ.
މީގެއިތުރުން، ކުރީގެ ދެ ސަރުކާރުގެ މުޅި ދައުރުގައި ދެއްކި ޖުމްލަ ދަރަންޏަށް ބަލާއިރުވެސް، މި ސަރުކާރުން މިހާތަނަށް ދެއްކި އަދަދު ބޮޑެވެ. ރައީސް ޔާމީންގެ މުޅި ދައުރުގައި 418.17 މިލިއަން ޑޮލަރު އަދި ރައީސް ޞާލިޙްގެ މުޅި ދައުރުގައި 953.93 މިލިއަން ޑޮލަރު ދައްކާފައިވެއެވެ. ނަމަވެސް ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަންޏެއް އަދިވެސް ދައްކަން އެބައޮތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ބާކީ ހުރި ދަރަނިތައް
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 1.14 ބިލިއަން ޑޮލަރު އަދިވެސް ދައްކަން އެބައޮތެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގެ 710.4 މިލިއަން ޑޮލަރާއި، ރައީސް ނަޝީދާއި ރައީސް ވަޙީދުގެ ސަރުކާރުގެ 150 މިލިއަން ޑޮލަރުގެ އިތުރުން ރައީސް މައުމޫންގެ ސަރުކާރުން ނަގާފައިވާ 106.3 މިލިއަން ޑޮލަރުވެސް ބާކީ އެބައޮތެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވިއިރު ބޮޑު ދަރަންޏެއް އޮތް ނަމަވެސް، ޓެކްސް ރޭޓަށް ބަދަލު ނުގެނެސް، އެއާޕޯޓް ޓެކުހާއި ފީތަކަށް ގެނައި އިސްލާހީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެފައިވާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފިޗް އަދި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.